އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ޑިމޮކްރެޓްސް އިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމި ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނަޝީދު ތާއީދުކުރެއްވުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ގިނަ ދުވަސްތަކަކަށް ފަހު، ރައީސް ސޯލިހާއި ނަޝީދު މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ.

އެ ބައްދަލުކުރެއްވުމަށް ފަހު ރައީސް އޮފީހުގެ ބޭރުގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދެ ބޭފުޅުން މަޝްވަރާކުރެއްވީ ރާއްޖޭގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށެވެ. އެއް ކަމެއްގެ ގޮތުގައި މަޝްވަރާ ކުރެއްވީ ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ނިޒާމީ ވޯޓު ނެގުމާ ގުޅޭ ގޮތުން ކަންކަން ކުރިއަށް ގެންދާނެ ގޮތަކާ މެދުގައި ކަމަށް ރައީސް ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކި ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެވަނަ ބުރުގައި އެމަނިކުފާނަށް ތާއީދު ދިނުމާ ބެހޭ ގޮތުން ނަޝީދާ މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

އެކަމަކު، އޭގެ ތަފްސީލްތައް އަދި ހާމަކުރައްވަން ރައީސް ވަނީ ދެކޮޅު ހައްދަވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހެނދުނު ބައްދަލުކުރެއްވުމަށްފަހު ވަޑައިގަންނަވަނީ.

"އެކަމާ (ދެވަނަ ބުރާ) ބެހޭ ގޮތުން ވާހަކަ ދެއްކިން، އޭގެ ތަފްސީލްތައް ފަހުން ހާމަ ކުރާނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ އެންމެ ބޮޑަށް ގުޅުން ގޯސްވީ ރައީސް ނަޝީދަށް އަމާޒުކޮށް 2021 ވަނަ އަހަރު މެއި 6 ވަނަ ދުވަހު މަޖީދީމަގުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއަށްފަހު އެވެ. އަދި އޭގެ ފަހުން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކޮށް ބަލިވުމުން ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައިފަ އެވެ. އެ ބުރުގައި އެ ޕާޓީން ވާދަކުރި އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ 15،000 ހާހެއްހާ ވޯޓެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީ އާއި ޕީޕީއެމްއަށް އެތައް ޝަރުތުތަކެއް ހުށަހެޅުމަށްފަހު އެ ދެ ޕާޓީން ވެސް އެދެވޭ ޖަވާބެއް ނުދިނުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ދަ ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ނިންމައިފަ އެވެ.

ރައީސް ސޯލިހު ނަޝީދާ ބައްދަލުކުރައްވާއިރު، އެ މަނިކުފާނު ގެންދަވަނީ މިމަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ކާމިޔާބުކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އިންތިހާބުގެ ފުރަތަމަ ބުރުގައި ދެވަނަ ލިބިވަޑައިގަތުމުން ރައީސް ސޯލިހު ވަނީ ޖުމްހޫރީ ޕާޓީ އާއި އެމްއާރުއެމްއާއެކު ކޯލިޝަން ހެދުމަށް ވެސް މަޝްވަރާކުރައްވައިފަ އެވެ. ނަމަވެސް އެ ދެ ޕާޓީން ނިންމީ އެއްވެސް ކެންޑިޑޭޓަކަށް ރަސްމީކޮށް ތާއީދު ނުކުރުމަށެވެ.