އަންނަ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކޮންމެ ނަތީޖާއެއް ނުކުތް ކަމުގައި ވިޔަސް، ރާއްޖޭގައި އޮންނަން ފެންނަ ނިޒާމަކާ ބެހޭ ގޮތުން ވޯޓު ނެގުމުގެ މަސައްކަތް ފަށަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.

ޒަމާންވީ ދެ ރަހްމަތްތެރިން ކަމަށްވާ ރައީސް ސޯލިހާއި ނަޝީދު ވަނީ ރައީސް އޮފީހުގައި ބައްދަލު ކުރައްވައިފަ އެވެ. މިއީ ދެ ބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށް ފަހު، މިފަދަ ބައްދަލުވުމެއް ފެނުނު ފުރަތަމަ ފަހަރެވެ.

ރައީސް ނަޝީދާއި ރައީސް ސޯލިހާ އެންމެ ބޮޑަށް ގުޅުން ގޯސްވީ ރައީސް ނަޝީދަށް އަމާޒުކޮށް މެއި 6، 2021 ގައި މަޖީދީމަގުގައި ހިނގި ބޮންގޮއްވުމުގެ ހާދިސާއަށްފަހު އެވެ. އޭގެ ފަހުން އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހާ ވާދަކޮށް ބަލިވުމުން ނަޝީދު ވަނީ ދަ ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކުރައްވައިފަ އެވެ. ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި އިލްޔާސް ލަބީބް ނެރެ 15،000 އަށް ވުރެ ގިނަ ވޯޓު ހޯއްދަވައި ތިން ވަނަ އަށް ދިޔަ އެވެ.

ރިޔާސީ އިންތިހާބަށް ފަހު، ނަޝީދު ބޮޑަށް މަސައްކަތްޕުޅު ފެއްޓެވީ ރާއްޖޭގައި އޮތް ރިޔާސީ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރެއްވުމުގެ މަސައްކަތެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގައި އެ މަސައްކަތް ވަރަށް ބާރަށް ކުރެއްވި އެވެ.

ރައީސް އޮފީހުގައި އޮތް ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ފަހު، ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމެއްތޯ ނުވަތަ ބަރުލަމާނީ ނިޒާމެއްތޯ ބެލުމަށް ނަގާ ވޯޓުގެ މަސައްކަތް ފަށަން މަޝްވަރާ ކުރެއްވި ކަމަށެވެ.

https://www.tiktok.com/@hurihaa/video/7282280157191130386

"އަޅުގަނޑުމެން ދެއްކީ މިހާރު އިހަށް އެ ވާހަކަ.. އިތުރު ތަފްސީލުގެ ވާހަކަ ނުދައްކާ، ދެ ވަނަ ބުރުގެ ވޯޓު ނިމުމުގެ ކުރިން އެއަށް ނުދިއުމަށް. އެ ވާހަކަ ނުދެއްކުމަށް. ދެން އޭގެ ފަހުން، ހަމަ ނިމުމާ އެކީގައި އަދި ކޮންމެ ގޮތަކަށް އިންތިހާބު ނިމުނުކަމަށް ވިޔަސް، އެ މަސައްކަތްތައް ފަށައިގަތުމަށް،" ރައީސް ވިދާޅުވި އެވެ.

އިންތިހާބުގެ ފުރަތަމަ ބުރަށްފަހު އެމްޑީޕީ އާއި ޕީޕީއެމްއަށް އެތައް ޝަރުތުތަކެއް ހުށަހެޅުމަށްފަހު އެ ދެ ޕާޓީން ވެސް އެދެވޭ ޖަވާބެއް ނުދިނުމުން އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރަން ދަ ޑިމޮކްރެޓްސް އިން ވަނީ މިދިޔަ ހަފުތާގެ ފަހުކޮޅު ނިންމައިފަ އެވެ.