ކުޅުދުއްފުށި ސިޓީ އާއި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވެސް ކެންސަރަށް ފަރުވާ ހޯދޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް އިދިކޮޅު ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"މުއިއްޒު ރައްޔިތުންގެ ގާތަށް"ގެ ނަމުގައި މިރޭ ބޭއްވި ސުވާލާއި ޖަވާބު މުއިއްޒު ވިދާޅުވީ އައިޖީއެމްއެޗާއި، ދަރުމަވަންތަ ހޮސްޕިޓަލުގެ ހިދުމަތުގެ ފެންވަރު ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށެވެ. އޭނާގެ ސިއްހީ މެނިފެސްޓޯގެ ދަށުން އެ ދެ ހޮސްޕިޓަލްގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނިންމާފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގައި ބޭރުގެ އެންމެ ރަނގަޅު ފެންވަރުގެ ކްލިނިކުތައް ގާއިމުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އެހެންވީމާ އަޅުގަނޑުމެންގެ މެނިފެސްޓޯގައި މި ހުށަހަޅަނީ ވަރަށް ބޮޑު ޕަސެންޓެއް އަޅުގަނޑުމެން ސަރުކާރުގެ ހެލްތު ދާއިރާގެ ހަރަދު ކުރުމުގައި އިސްކަން ދޭނަމޭ، ބަލިތަކުން މީހުން ދުރުކުރުމަށް," މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރުން ވެފައިވާ އެއްބަސްވުންތަކުގެ ތެރެއިން، ސިއްރުކޮށްފައިވާ އެއްބަސްވުންތައް ހާމަކުރައްވާނެ ކަމަށެވެ.

"އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ފޮރުވިފައި އޮންނަން ޖެހޭ އެއްވެސް ކަމެއް ސަރުކާރެއްގެ ތެރޭ އޮންނާނެ ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.