ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް، ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ގޭގައި އުޅުނު މެއިޑްއާ ގުޅުވައިގެން ދައްކާ ވާހަކަތަކަށް އެމަނިކުފާނުގެ އަނބިކަނބަލުން، ސާޖިދާ މުހައްމަދު ވަރުގަދަ ރައްދު ދެއްވައިފި އެވެ.

މުއިއްޒާއި ސާޖިދާ ދިރިއުޅުއްވި މ. ޗާންދަނީގޭގައި ގެންގުޅުއްވި ބިދޭސީ އަންހެން މީހާ ދަންޖެހި މަރުވި ހާދިސާ ހިނގާފައިވަނީ މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު، 2012 ވަނަ އަހަރުގެ ފަހުކޮޅު އެވެ.

މި އިންތިހާބުގެ ކެމްޕެއިނުގައި ވާދަވެރިން މެއިޑުގެ މަރާ ގުޅިގެން ދައްކާ ވާހަކަތައް ދޮގުކުރައްވައި ސާޖިދާ ވަނީ ވަރުގަދަ ރައްދެއް ދެއްވައިފަ އެވެ.

ސާޖިދާ ވިދާޅުވީ މެއިޑް ދަންޖެހިގެން މަރުވި ގޮތް ފުލުހުންގެ ތަހުގީގުން އެނގެން އޮންނާނެ ކަމަށެވެ. އަދި އެ މެއިޑްގެ ފިރިމީހާ ވެސް އުޅުނީ، އެ ގޭގައި ކަމަށް ސާޖިދާ ވިދާޅުވި އެވެ. މީހެއްގެ އަބުރު ކަތިލަން ވެސް، ހައްދެއް އޮންނަންވާނެ ކަމަށާއި، މިފަދަ ވާހަކައެއް ފަތުރާތީ ހިތްދަތިވެ، ހިތާމަ ކުރައްވާ ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

"މަރާލި ވާހަކަ އާއި ޒިނޭގެ ތުހުމަތު އަޅުވައި، މުޖުތަމައުގައި ވެސް ބަލާލަން ޖެހޭ. މީހެއްގެ އަބުރު ކަތިލުމުގައި ވެސް ހައްދެއް އޮވޭ. މި ލެވެލް އަށް ދިޔައީމާ މިއީ ދެން ވަރަށް ދެރަ ކަމެއް،" ދ. މީދޫގައި ބޭއްވި ޖަލްސާއެއްގައި ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވަނީ މުއިއްޒުގެ ދޮންމަންމައާ ގުޅޭ ގޮތުން ދެކެވެމުންދާ ވާހަކަތައް ވެސް ދޮގުކުރައްވައިފަ އެވެ. އަދި އިދިކޮޅުން ފަތުރާ ވާހަކަތަކަށް ރައްދު ނުދެއްވަނީ އާއިލީ ކަންކަމުގެ ވާހަކަ ދައްކަވަން މުއިއްޒު ޤަބޫލުފުޅުނުވާތީ ކަމަށާއި، ނަމަވެސް މިހާރު އެ ވާހަކަ ނުދައްކައި ވާން ނެތްކަމަށް ސާޖިދާ ވިދާޅުވި އެވެ.

"ކެންޑީގައި ހުންނާނެ ގެސްޓު ހައުސްއެއް ބައްޕަގެ، ކޮލަމްބޯގައި ހުންނާނެ ގެސްޓުހައުސްއެއް. ދެން އަދި އޭގެ އިތުރުން ބައްޕަ ގަނޑުވަރެއްހެން ހަދާފައި ހުންނާނެ ގެއެއް. އަދި އޭގެ އިތުރުން އެކޮޅަށް ދިއުމަށް ފަހު 8 ލައްކަ ހަރަދުކޮށްފައި ބައްޕަގެ ގޭގެ ޓެރަސްގައި އިތުރު ކޮޓަރިއެއް ހަދައިދިނީ މުއިއްޒު އަމިއްލަ ޖީބުން،" ސާޖިދާ ވިދާޅުވި އެވެ.

ސާޖިދާ ވިދާޅުވީ އެފަދަ ދޮގު ވާހަކަތައް މުއިއްޒުއާ ދޭތެރޭ ފަތުރަމުންދާކަމަށާއި ސާޖިދާއަށް އަޑުއިވިވަޑައިގެންނެވި ގޮތުގައި އެފަދަ ވާހަކަތައް ދޮންމަންމަ ދައްކަވަނީ އިދިކޮޅުން ފައިސާ ދީގެން ކަމަށެވެ.

ޑރ. މުއިއްޒުގެ ކެމްޕެއިންގައި މާލޭގައި އުޅޭ ގިރާވަރު ކޮމިއުނިޓީއާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން:

"މިފަދަ ވާހަކައެއް އެބޭފުޅުން ހޯދައި މިފަދަ ކަމެއް ފެތުރިއިރު، އެބޭފުޅުން އެއްފަރާތުން ގެނެސް މުޢިއްޒުއަށް އެބަ ހުއްޓޭ ބީއެމްއެލްގެ ހުރި ހުރިހާ ލާރިއެއް ދީފައި. ބުނިއިރު ލަންކާގެ ބޭންކގައި ހުރި ލާރި ލިބުނީ ކާކަށް ކަމެއް ވެސް ހާމަކޮށްނުލާ. އެހެންވީމާ މީކީ އަސްލު ނޫސްވެރިކަމެއް ނޫން އިނގޭތޯ؟ މީ ހަމަ ކަނޑައެޅިގެން މީހުންގެ އަބުރު ކަތިލުމަށްޓަކައި ކުރާ ކަންތައްތައް" ސާޖިދާ ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ބަންޑާރަ ބިމަކުން ހުވަފަތްވާ ރާއްޖެއިން ބޭރުގެ އަންހެނުންނަށް ވާރުތަކުރާނަމަ އެ ބިން ވެސް ހިފައިގެން ދޮންމަންމަ ދާނެކަމަށް ފާހަގަކުރަމުން ސާޖިދާ ވަނީ މުއިއްޒުގެ ދޮންމަންމަ އަށްޓަކައި މުއިއްޒު ދޫކުރެއްވި އެއްވެސް ކަމެއްގެ ވާހަކަ އެއްވެސް ބަޔަކު ނުދައްކަވާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.