މާދަމާ އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް އެންޓި ކެމްޕެއިން ކުރުމުގެ މަގްސަދުގައި ބަޔަކު ދައުރު ކުރާ ލިސްޓެއް ކަމަށް ވެރިކަން ކުރާ ޕާޓީ، އެމްޑީޕީން މިރޭ ބުނެފި އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގައި ބޭއްވޭ ކޮންމެ އިންތިހާބެއްގައި އެމްޑީޕީން ބައިވެރިވެ ބޮޑެތި ކާމިޔާބީތަކުގެ ފަހަތުގައި ވަނީ ޕާޓީގެ ހީވާގި ގައުމީ މަޖިލިސް މެމްބަރުންނާއި މެމްބަރުން ރައްޔިތުންނާ ގާތަށް ދޮރުން ދޮރަށް ހިނގައިގެން ކަމަށެވެ.

އަދި އިންތިހާބުތައް ކާމިޔާބު ކުރަނީ ރައްޔިތުންގެ ހިޔާލާ އެކު އެކުލަވާލާ ސިޔާސަތުތައް ރައްޔިތުންނަށް ހުށަހަޅައިގެން ކަމަށް އެމްޑީޕީން ބުންޏެވެ.

"މި ޕާޓީން 2023 ގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ކަނޑައަޅާފައިވާ ބަޖެޓް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރު ކުރަމުންދާ ލިސްޓަކީ އެއްވެސް ހަގީގަތެއް ނެތް އެންޓި ކެމްޕެއިން ކުރުމުގެ މަގްސަދުގައި ބަޔަކު ދައުރު ކުރަމުންދާ ލިސްޓެކެވެ،" އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ބުނި ގޮތުގައި އެ ޕާޓީން ވާދަ ކުރާ ކޮންމެ އިންތިހާބެއްގައި ވެސް ކެމްޕެއިނަށް ކުރާ ހަރަދުތަކަކީ އެ އިންތިހާބަކާ ބެހޭ ގާޏޫނާ އެއްގޮތްވާ ގޮތުގެ މަތިން ކުރެވޭ ހަރަދުތަކެކެވެ. މިކަން ކޮންމެ އިންތިހާބެއް ނިމި، ގާނޫނުގައި ބަޔާން ކުރާ މުއްދަތަށް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އޮޑިޓް ރިޕޯޓުތަކުން ސާބިތުވާން ހުންނާނެ ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ.