ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އާއި އެމަނިކުފާނުގެ ރަނިން މޭޓު އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) ވޯޓު ލައިފި އެވެ.
މުއިއްޒު އާއި ސެންބެ ވޯޓު ލައްވާފައި ވަނީ ހެނދުނުގެ ވަގުތުގަ އެވެ. މުއިއްޒު ވޯޓު ލެއްވީ ތާޖުއްދީން ސްކޫލުގައި ހުރި މާފަންނު ދެކުނު ދާއިރާގެ ވޯޓު ފޮއްޓަށެވެ. ސެންބެ ވޯޓުލެއްވީ މާލޭގެ ތާޖުއްދީން ސްކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ.
ވޯޓުލެއްވުމަށް ފަހު މީޑިއާއާ ވާހަކަދައްކަވަމުން މުއިއްޒު ވަނީ ވޯޓުލުމުގެ ހައްގު ލިބިފައިވާ އެންމެން، އެ ހައްގު ބޭނުންކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ކުރީފަހަރު ގިނަ އަދަދެއްގެ މީހުން ވޯޓުނުލާކަން ފާހަގަކުރައްވައި މުއިއްޒު ވަނީ ވީހާ ވެސް އަވަހަކަށް ވޯޓުލުމަށް އެދިވަޑައިގެންފަ އެވެ.
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން މިއަދު ހަވީރު 17:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ. ވޯޓު ފޮށީގެ ކިޔޫގައި މީހަކު ނެތް ނަމަ 17:00 ގައި ފޮށި ބަންދުކުރުމަށް ފަހު، 30 މިނެޓު ފަހުން ވޯޓު ގުނަން ފަށާނެ އެވެ.
ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބަހައްޓާ އިރު، ވޯޓު ލުމުގެ ހައްގު 282،804 މީހަކަށް ލިބިގެންވެ އެވެ. އެއީ، 138،394 އަންހެނުންނާއި 144،410 ފިރިހެނުންނެވެ. މިފަހަރު ލިސްޓަށް ވަނީ ފުރަތަމަ ބުރުގެ އަދަދަށް ވުރެ 408 މީހުން އިތުރު ވެފަ އެވެ. އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓްފޮށި ބަހައްޓަނީ ފަސް ގައުމެއްގަ އެވެ. އެއީ އިންޑިއާ އާއި ސްރީލަންކާ އާއި މެލޭޝިއާގެ އިތުރުން ޔޫއޭއީ އަދި ޔޫކޭ އެވެ.