މިއަދު ކުރިއަށްދާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުމުގެ ހައްގު ވީހާވެސް އަވަހަށް ބޭނުން ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިއަދު އެދިވަޑައިގެންފި އެވެ.

ތާޖުއްދީން ސްކޫލްގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަކަށް ވޯޓުލެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ކޮންމެ ބޭފުޅަކުވެސް އެބޭފުޅެއްގެ ގާނޫނީ ޒިންމާ އަދާކުރެއްވުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ނުނިންކުން މީހުންނާއި، ވަކިން ހާއްސަކޮށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ހުރިހާ ބޭފުޅުންވެސް ވޯޓު ލުމަކީ ވަރަށް ބޮޑު އިލްތިމާސްއެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވަނީ ވޯޓުލާން ފަހު ވަގުތު މަޑު ނުކުރުމަށް ވެސް އެދިވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00 އާ ހަމައަށް ކުރިއަށްދާނެއެވެ. ހަވީރު 5 ޖަހާއިރު ވޯޓުލުމަށް ކިއޫގައި މީހަކު ނެތްނަމަ، ކިޔޫ ބަންދުކުރުމަށްފަހު 30 މިނެޓްފަހުން ވޯޓު ގުނަން ފަށާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި 586 ވޯޓު ފޮށި ބަހައްޓާފައިވެ އެވެ. އިންތިހާބުގައި 280،000 އަށް ވުރެ ގިނަ މީހުންނަށް ވޯޓުުމުގެ ހައްގު ލިބިގެންވެ އެވެ.