މިއަދު ބޭއްވި ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ބެހެއްޓި 586 ވޯޓު ފޮށީގެ ތެރެއިން މިހާތަނަށް ގުނި 475 ފޮށީގެ ނަތީޖާއިން ޑރ. މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރާނެ ކަމަށް ޔަގީންވެއްޖެ އެވެ.

މިހާތަނަށް އިއުލާންކުރި 475 ފޮށީގެ ތެރެއިން ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހަންމަދު މުއިއްޒު އުޅުއްވަނީ 15،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ކުރީގަ އެވެ. އޭގެ އެއް ސަބަބަކީ ބައެއް ރަށްރަށުން އޭނާ ތަފާތު މާ ބޮޑަށް ބޮޑު ކުރައްވާތީ އެވެ.

މިހާތަނަށް ދެއްކި ނަތީޖާތަކުން ދެއްކި ގޮތުގައި ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ކާމިޔާބު ކުރައްވާ ވޯޓު ފޮށިތަކުން އެމަނިކުފާނަށް ކާމިޔާބު ކުރެއްވެނީ ކުޑަ ތަފާތަކުންނެވެ. އޭގެ ބަދަލުގައި ބައެއް ދާއިރާތަކުން މުއިއްޒަށް ލިބިވަޑައިގަންނަވާ ވޯޓުގެ ފަރަގު ބޮޑެވެ. ހާއްސަކޮށް އައްޑޫ ފިޔަވައި އެހެން ހުރިހާ ސީޓީތަކުން ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒެވެ.

ރިޔާސީ އިންތިޚާބު 2023ގެ ދެވަނަ ބުރުގައި މާލޭގައި ބެހެއްޓި ވޯޓު ފޮއްޓެއް ކަރުދާސްކޮޅު އިލެކްޝަންސްގެ އޮފިޝަލުން މިރޭ ދައްކާލަނީ. ފޮޓޯ: އިލެކްޝަންސް

މިހާތަނަށް 475 އަށް ވުރެ ގިނަ ފޮށީގައި ނަތީޖާ 53.76 ޕަސެންޓް މުއިއްޒަށް ލިބިވަޑައިގެންފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރާ ގޮތުގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެ އެވެ.

އިންތިހާބުގެ ދެވަނަ ބުރަށް ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމެވެ. އަދި ސައްހަކަން ކަށަވަރު ނުވި 11،284 ފޯމުގެ ތެރޭގައި އެ މީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައެޅުމުގެ ބައެއް ޝަކުވާ ލިބުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.