ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި ރައްޔިތުންގެ މަޖިލިހުގެ ދައުރު މުހިންމު ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި މުއިއްޒުގެ އިތުރުން އިންތިހާބީ ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.

މަޖިލީހުގެ މެހެމާނުން ސޮއިކުރައްވާ ފޮތުގައި މުއިއްޒު ލިޔުއްވި ގޮތުގައި ރައްޔިތުންގެ ވެރިކަމެއް ކުރުމުގައި މަޖިލިހުގެ ފުރިހަމަ ދައުރަކީ ނުހަނު މުހިންމު ކަމެކެވެ. އަދި އެކަން އެގޮތަށް ވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ނަޝީދު ވަނީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި މުއިއްޒު ހޯއްދެވި ކާމިޔާބީ އަށް މަރުހަބާ ދަންނަވައިފަ އެވެ. އަދި މުއިއްޒު ވެސް ވަނީ މި ބައްދަލުވުމަށް ދައުވަތު ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވައިފަ އެވެ.

އިންތިހާބީ ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު، ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މުއިއްޒު މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އެ ބޭފުޅުން އެދިވަޑައިގެންނެވި ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެއީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމަށާއި ސަރުކާރު އެކުލަވައިލުމާއި އެމަނިކުފާނު ހުވާ ކުރެއްވުމާއި އަދި އެހެން ހުރިހާ މަރުހަލާއެއްގައި މަޖިލިހުގެ އިދާރާ އިން އެއްބާރުލުން ދީ، ޒިންމާދާރު ގޮތެއްގައި މަޖިލީހުގެ މި ދައުރު ފުރިހަމަ ކޮށްދެއްވާނެ ކަމުގެ ޔަގީން ކަން ނަޝީދު ދެއްވެވި ކަމަށެވެ.