ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި ވެބް ސީރީޒްތަކާއި ލަވަތަކެއް ޑައިރެކްޓް ކޮށްފައިވާ އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމު "މީ އިޝްގު" އަންނަ އަހަރު ރިލީޒްކުރުމަށް ނިންމައިފި އެވެ.

މިހާރު ކުރިއަރަމުން އަންނަ ދެ އެކްޓަރުން ކަމަށްވާ އާޝާ އާއި ޝަރަފު ފެނިގެންދާ "މީ އިޝްގު" އަންނަ އަހަރު ރިލީޒކުރުށް ނިންމާފައިވާއިރު ރިލީޒްކުރާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ. މިއީ ޑާކް ރެއިން އެންޓަޓައިންމަންޓުން މާޗް މަހު ޑިޖިޓަލްކޮށް ޕްރީމިއާކުރި "ހިނދުކޮޅެއް" ފިލްމަށް ފަހު، މި ޖޯޑު އެކީގައި ކުޅޭ ދެވަނަ ފިލްމެވެ.

ޑާކް ރެއިން ގެނެސްދޭ މިފިލްމުގެ ޓީޒާ މިހާރު ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މިފިލްމަކީ އަސަރު ގަދަ ލޯބީގެ ފިލްމެކެވެ.

މި ފިލްމުގެ ވާހަކައާ ގުޅޭގޮތުން މާ ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެއް ނުވެ އެވެ.

https://www.facebook.com/photo?fbid=811255921008673&set=a.466102265524042

އަޒްހާން ފީޗާ ފިލްމެއް ބެލުންތެރިންނަށް ދޫކޮށްލަން ތައްޔާރުވާ އިރު، އޭނަ ކުރިން ދެ ވެބް ސީރީޒެއް ހަދާފައިވެ އެވެ. އެއީ "މިރާއީ" އާއި "ދަރަކަ" އެވެ.

މި ދެ ސީރީސްއަކީ ވެސް ކްރައިމް ތުރިލާ ޖޯންރާއަށް ފެތޭ، ދިވެހި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ އުފެއްދުންތަކެވެ. މި ދެ ސީރީޒް އަކީ ވެސް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ދެ ސީރީޒެވެ.

ޑާކް ރެއިނުން އަންނަ އަހަރު ގެނެސްދޭން ތާވަލުކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ފުރޭތަ" އާއި "ބަޅިނދު" ވެސް ހިމެނެ އެވެ. މި އަހަރުގެ ފެބްރުއަރީގައި "ބީވީމާ" ގެނެސްދިން ކާމިޔާބު ސްޓޫޑިއޯގެ ކުރިއަށް އޮތް ފިލްމަކީ ޑިސެމްބަރު 4 ގައި ބެލުންތެރިންނަށް ދޫކޮށްލަން ނިންމާފައިވާ "ނޮވެމްބާ" އެވެ.