އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރައްވާ ރަސްމިއްޔާތަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ދައުވަތު ދޭން ނިންމަވާފައިވާ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ދައްކާ ގޮތުގައި، އެ އިންތިހާބު ކާމިޔާބު ކުރެއްވެވި މުއިއްޒު ވަނީ 129،159 ވޯޓު ހޯއްދަވައިފަ އެވެ. އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންފައި ވަނީ 109،868 ވޯޓެވެ.

އަންނަ މަހުގެ 17 ގައި ބާއްވާ މުއިއްޒުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ އިންތިޒާމުތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން އަންނަނީ ހަމަޖައްސަމުންނެވެ.

އިންޑިއާގެ "ދަ ހިންދޫ" ނޫހަށް ނަޝީދު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުއިއްޒަކީ "އެންޓި-އިންޑިއާ" އަދި "ޕްރޯ-ޗައިނާ" ބޭފުޅަކަށް ވެސް ނުވާނެ ކަމަށް އެމަނިކުފާނު ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އަދި ބައިނަލްއަގުވާމީ މީޑިއާތަކުން މުއިއްޒަކީ ޕްރޯ-ޗައިނާ ބޭފުޅެއް ކަމަށް ސިފަ ކުރެއްވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑާ މި ފަހުން ޓްރާންސިޝަން އޮފީހުގެ ބޭފުޅުންނާ ވެސް ބައްދަލުވި، އިންތިހާބީ ރައީސް ހުވާ ކުރެއްވުމަށް އިންޑިއާގެ ބޮޑު ވަޒީރު މޯދީއަށް ދައުވަތު ފޮނުވުމަށް، މިއަދު މެންދުރުފަހު އަޅުގަނޑު އެ ކަންކަން ކުރިއަށް ގެންދާނަން،" ނަޝީދު ވިދާޅުވި އެވެ.

އިންތިހާބީ ރައީސް އަދި އިންތިހާބީ ނައިބު ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުންނެވެ.

ނަޝީދު ވިދާޅުވީ އެ ދައުވަތު ގަބޫލުކުރައްވައި އިންޑިޔާގެ ބޮޑުވަޒީރު ޖަލްސާއަށް ވަޑައިގަންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަޝީދު ވަނީ ކޮންމެ ސަރުކާރެއް އައި ނަމަވެސް، ރާއްޖެ އާއި އިންޑިޔާގެ ގުޅުން އަބަދުވެސް ދެމި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ޖަލްސާއަށް 17 ނޮވެމްބަރު 2018ގައި މޯދީ ރާއްޖެ ވަޑައިގަތެވެ.