"އިންތިހާބީ ރައީސްގެ އޮފީސް" ހިންގުމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ފަސް ވަނަ ފަންގިފިލާ ހަމަޖައްސައިފި އެވެ.

ނިމުނު ރިޔާސީ އިންތިޚާބާ ގުޅިގެން، ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ކުރައްވަންޖެހޭ ކަންތައްތައް ކުރެއްވުމަށްޓަކައި، "އިންތިހާބީ ރައީސްގެ އޮފީސް"ގެ ނަމުގައި އިދާރާއެއް، މިމަހުގެ 5 ވަނަ ދުވަހު، ރައީސް ސޯލިހު ވަނީ އުފައްދަވައިފަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން، ވެރިކަން ބަދަލުވުމުގެ މަރުހލާގެ ކަންކަން ވިލަރެސް ކުރެއްވުމަށްޓަކައި، "ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަން"ގެ މަގާމަށް، ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސަވައިފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. އެ މަރުހަލާގެ ކަންކަން ވިލަރެސްކުރެއްވުމަށް ރައީސް އޮފީހުގެ ފަރާތުން ހަމަޖައްސަވައިފައި ވަނީ، ސެކްރެޓެރީ، ކޯޕަރޭޓް ސާވިސް، ހުސައިން އާމިރެވެ.

ވެރިކަން ބަދަލުވުމާ ގުޅިގެން، ސަރުކާރުގެ އިދާރީ އޮނިގަނޑަށާއި، ސަރުކާރުގެ އިދާރާތަކުގެ މަސައްކަތްތަކަށާއި، ސަރުކާރުގެ އިދާރާތަކުގެ އިސް މަގާމުތަކަށް އަތުވެދާނެ ބަދަލުތަކަކަށް ތައްޔާރުވުމުގެ ގޮތުން ކުރައްވަންޖެހޭ ކަންތައްތައް، 2023 އޮކްޓޫބަރު 5 ވަނަ ދުވަހު ނެރުއްވި ދެންނެވުމަކުން، ސަރުކާރުގެ އޮފީސްތަކަށް ވަނީ އަންގަވައިފަ އެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީންނާއި، ގާނޫނުތަކުން ރައީސް، މީހުން އައްޔަންކުރައްވާ މަގާމުތަކުގައި ތިއްބެވި ފަރާތްތަކުން، ހިނގަމުންދާ ރިޔާސީ ދައުރު ނިމެންދެން، އެ ފަރާތަކާ ހަވާލުވެފައިވާ މަސައްކަތްތައް ކުރެއްވުމުގައި ދެމިތިއްބެވުމަށް އެ ދެންނެވުމުގައި ވަނީ އަންގަވައިފަ އެވެ.