ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު އާއި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ބައްދަލުކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ މި ބައްދަލު ކުރެއްވުން އޮތީ މިއަދު ރައީސްގެ ރަސްމީ ގެކޮޅު މުލިއާގޭގައި ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި މެޑަމް ފަޒްނާ ވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ޑރ. މުއިއްޒު ހޯދެއްވި ކާމިޔާބީއަށް ސާޖިދާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.
ބައްދަލުވުމުގައި އިތުރަށް މަޝްވަރާ ކުރެވުނު ކަންކަމުގެ ތަފުސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
ފަޒްނާ އާއި ސާޖިދާ މިއަދު ބައްދަލުކުރެއްވި އިރު، ވެރިކަން ބަދަލު ވާއިރު ވެރިންގެ އަނބިކަނބަލުން ބައްދަލުކުރެއްވުމަކީ މީގެ ކުރިން ކުރެއްވި ކަމެއް ނޫނެވެ.
ފަޒްނާ އާއި ސާޖިދާ ވަނީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެޑއިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވުމަށް ދައުލަތުން މިހާރު ހަމަޖައްސާފައިވާ ރަސްމީ ގެކޮޅަކީ މުލީއާގެ އެވެ. އެހެންނަމަވެސް އެކަން އޮންނަނީ އެއިރަކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަވާ ބޭފުޅެއްގެ އިހުތިޔާރުގަ އެވެ.