އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އިންތިގާލީ މަަސައްކަތްތަކަށް އެކުލަވާލި ޓީމުތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީގެ މެމްބަރުން އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވަނީ އިންތިޚާބުވެ ވަޑައިގެންނެވި ރައީސް، މުއިއްޒަށް މަރުޙަބާ ވިދާޅުވެ، ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންނަށްވެސް މަރުޙަބާ ދަންނަވައިފަ އެވެ.

އަދި މިނިސްޓްރީގެ މަސައްކަތް ކުރިއަށްދާގޮތާއި، ޓްރާންސިޝަން ކޮމިޓީން ބޭނުންވާ މަޢުލޫމާތުތައް ފަސޭހަކަމާއިއެކު ފޯރުކޮށްދީ އެހީތެރިވެދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިރުޝާދު ދެއްވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޓްރާންސިޝަން ކޮމިޓީގެ ފަރާތުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އެ ކޮމިޓީއަށް ބޭނުންވާ މައުލޫމާތުތައް ފަސޭހަކަމާއިއެކު ހޯދައިދިނުމަށާއި އެ ކޮމިޓީން ކުރައްވާ މަސައްކަތްތަކަށް މިނިސްޓްރީގެ ފަރާތުން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ޓްރާންސިޝަނަލް ކޮމިޓީ އަށް ބޭނުންވާ މައުލޫމާތު މިނިސްޓަރާ ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އެއީ ސަރުކާރުގެ އިދާރާތަކަށް އަށް ޓީމާއި ސަރުކާރުގެ ކުންފުނިތަކަށް ހަތް ޓީމެވެ. ކުރިއަށް ހުރި ދުވަސްތަކުގައި މި ޓީމުތައް އެކިއެކި ތަންތަނަށް ޒިޔާރަތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.