އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރެއްގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރަން ނިންމައިފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ ދެން އަންނަ ސަރުކާރެއްގައި ސިޔާސީ މަގާމުތައް 700 އަށްވުރެ އިތުރު ނުކުރުމަށް އިންތިހާބީ ރައީސް ނިންމަވާފައިވާ ކަމަށެވެ. މިއީ މިހާރު އޮތް ސަރުކާރުގެ ސިޔާސީ މަގާމަށްވުރެ މާބޮޑު ތަނުންވެސް މަދު އަދަދެއް ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

"މި އަދަދު ނިންމާފައި މިވަނީ ސަރުކާރުގެ ވުޒާރާތަކާއި ރައީސް އޮފީހާއި ރައީސްގެ ގެކޮޅާއި ނައިބު ރައީސްގެ ގެކޮޅުގައި މަސައްކަތް ކުރާ މުވައްޒަފުން ހިމެނޭހެން،" ފިރުޒުލް ވިދާޅުވި އެވެ.

އެންމެ ފަހުން މި ސަރުކާރުން ހުށަހެޅި ބަޖެޓުގައިވާ ގޮތުން، ނިމިގެންމިދާ ސަރުކާރުގައި 1،063 ސިޔާސީ މުވައްޒަފުން އެބަ ތިއްބެވެ. އޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 808 ސިޔާސީ މުވައްޒަފުން ތިއްބެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން މިދިޔަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި މުއިއްޒު ގެންދަވަނީ އާ ސަރުކާރު އެކުލަވާލުމުގެ މަސައްކަތް ކުރައްވަމުންނެވެ. އިންތިގާލީ މަރުހަލާގައި މިވަގުތު ކުރަމުން އަންނަ އެއް ކަމަކީ ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއް ކުރުމެވެ.