މާ ގިނައިން ފިޓް ޖެހޭތީ ހަ އަހަރުގެ ކުޑަކުއްޖެއްގެ ސިކުނޑީގެ އެއް ފަޅި ނިއްވާލައި އެ ފަޅީގެ މަސައްކަތް އެއްކޮށް ހުއްޓުވައިފި އެވެ.

އެމެރިކާގެ ޑޮކްޓަރުންގެ ޓީމަކުން ކުރިއަށް ގެންދިޔަ ސާޖަރީއެއްގައި އެމެރިކާއަށް ނިސްބަތްވާ ބްރިއާނާ ބޮޑްލީގެ ސިކުނޑީގެ ކަނާތް ފަރާތުގެ ނާރުތައް ވަނީ ސިއްހީ ގޮތުން "ޝަޓް ޑައުން" ކޮށްފަ އެވެ.

ބްރިއާނާގެ ހަބަރުތައް ހިއްސާކުރާ އިންސްޓަގްރާމް ޕޭޖެއްގައި ބުނެފައިވަނީ ޑޮކްޓަރުންގެ ޓީމުން ސިކުނޑީގެ އެއްފަޅި ނެގުމުގެ ބަދަލުގައި "ނިއްވާލަން" ގަސްދުކުރީ އެހެން ނުހަދައިފިނަމަ މަޑުމަޑުން އޭނާގެ ހާލަތު ދަށަށް ދާނެތީ ކަމަށެވެ.

ދިހަ ގަޑިއިރަށް ދެމިގެން ދިޔަ އެ ސާޖަރީއަށްފަހު ބްރިއާނާއަށް އާއްމު ދިރިއުޅުމެއް އުޅެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

https://www.instagram.com/p/CyKJsfNJ1Rp/?utm_source=ig_embed&ig_rid=ae0bae18-c88d-452d-b45e-ba174f0ecece&img_index=1

އެ ޕޭޖުގައި ކޮށްފައިވާ އެހެން ޕޯސްޓެއްގައި ބުނެފައިވަނީ ސާޖަރީއަށް ދިހަ ދުވަސް ފުރިހަމަވެފައިވާ ކަމަށާއި މިހާރު ހޭލާ އުޅުނު ނަމަވެސް ބެލެންސް ކުރުމާއި ހިނގުން ފަދަ ކަންކަމުގައި ކޮންމެވެސް ވަރަކަށް އުނދަގޫވާ ކަމަށެވެ.

އެހެން ނަމަވެސް މަޑުމަޑުން ކަންކަން ދަސްކުރަމުން އަންނަ ކަމަށާއި ކުރިއެރުން ފެންނަމުން އަންނަ ކަމަށްވެސް އެ ޕޯސްޓްގައި ބުނެފައިވެ އެވެ.

ބްރިއާނާގެ ޑޮކްޓަރު ބުނީ މީގެ ކުރިން ސިކުނޑީގެ ކަނާތް ފަރާތުން ކުރަމުން އައި މަސައްކަތްތައް މިހާރު ވާތް ފަރާތުން ކުރަން ފަށާނެ ކަމަށެވެ.