ބޭންކް އޮފް މޯލްޑިވްސްގެ ސްޓާޓަޕް ގްރާންޓް 2023 ވަނަ އަހަރުގެ ލިބޭ 2 ވިޔަފާރި މިއަދު ހޮވައިފި އެވެ. މި ގްރާންޓަކީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށް ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ކުރިއެރުވުމަށް ހިލޭ އެހީގެ ގޮތުގައި 500،000 ރުފިޔާ ލިބޭ ގްރާންޓެކެވެ. ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ދެ ފަރާތަކީ:

1. އާމިނަތު ހަމީދު (މޯލްޑިވިއަން ޕެޓިސިއޭ)

ފެންވަރު ރަނގަޅު އަދި ތަފާތު ވައްތަރުގެ ބޭކްސް އަދި ޕޭސްޓްރީ ލިބޭ ބޭކަރީއެއް ގާއިމުކުރުމަށް

2. ސަންފާ ނަޒާހަތު އަހުމަދު (ނަޒާހެލްތް)

ޅ. ނައިފަރުގައި ފިޒިކަލް ރިހެބިލިޓޭޝަން ގެ ހިދުމަތް ގާއިމުކުރުމަށް

" މޮޅު ޕިޗްތަކާ އެކު މި ގްރާންޓް ކާމިޔާބު ކުރި ފަރާތްތަކުގެ ހުށަހެޅުންތަކުގެ ފެންވަރަށް ސާބަސްދެން. މި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން ދެކެންބޭނުންވަނީ މުޖުތަމައަށް ހެޔޮ ބަދަލުތަކެއް އައިސް މި ވިޔަފާރިތަކުގެ ސަބަބުން އައު ފުރުސަތުތަކެއް ފަހިވާ މަންޒަރު". ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވި އެވެ.

ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ފަރާތްތައް ހޮވާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެން ގެންދެވުނު ވަރަށް ވާދަވެރި އިވެލުއޭޝަން ޕްރޮސެސްއަކަށް ފަހުގަ އެވެ. ފުރުތަމަ މަރުހަލާގައި ބިޒްނަސް ޕްލޭންތައް އިވެލުއޭޓް ކުރުމަށްފަހު އެންމެ ރަނގަޅުކަމަށް ފާހަގަ ކުރެވުނު 10 ފަރާތްވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. އަދި ދެވަނަ މަރުހަލާގައި ޝޯޓްލިސްޓްވި ފަރާތްތަކުން ވަނީ އެފަރާތުގެ ވިޔަފާރިއާ ގުޅޭ ޕްރެސެންޓޭޝަން އިވެލުއޭޝަން ކޮމިޓީއަށް ހުށަހަޅާފަ އެވެ.