މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގައި އޮތް މަސައްކަތުގެ ދާއިރާތަކުގެ މައުލޫމާތު ސްކޫލް ދަރިވަރުންނާ ހިއްސާކޮށް، ޕޯޓުގެ މަސައްކަތުގެ ދާއިރާތަކަށް ސްކޫލް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމުގެ ގޮތުން "ޕޯޓް އޯޕަން ޑޭ"ގެ މިއަދު ބާއްވައިފި އެވެ.

އެމްޕީއެލްއިން ބުނީ އުމުރުން 13 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ދަރިވަރުންނަށް އަމާޒުކޮށްގެން ބޭއްވި "ޕޯޓް އޯޕަން ޑޭ" 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ކަމަށެވެ. އެގޮތުން މާލެ އާއި އަތޮޅުތެރޭގެ ބައެއް ސްކޫލްތަކުގެ ދަރިވަރުން ހިމެނޭ ކަމަށް އެމްޕީއެލްއިން ބުނެ އެވެ.

މާލޭގެ ހުރަވީ ސްކޫލާއި އިމާދުއްދީން ސްކޫލާއި ކަލާފާން ސްކޫލާއި ތާޖުއްދީން ސްކޫލާއި ހުޅުމާލޭގެ ސަލާހުއްދީން ސްކޫލާއި ހުވަދޫ ސްކޫލާއި ބ.އަތޮޅު ތަޢުލީމީ މަރުކަޒާއި ނ.ހެނބަދޫ ސްކޫލް އަދި ރ.އިނގުރައިދޫ ސްކޫލްގެ ދަރިވަރުން "ޕޯޓް އޯޕަން ޑޭ"ގައި ބައިވެރިވި އެވެ.

މި ހަރަކާތުގައި ހިމެނޭ ސެޝަންތައް ކުރިއަށް ގެންދިޔައީ ދެ ދަންފަޅިއަކަށް ބަހާލައިގެނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ޕޯޓުގެ އެކި ދާއިރާތަކުގެ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން ޕޯޓުގެ އަމަލީ މަސައްކަތްތައް ބަލާލުމަށް އެ ދަރިވަރުން ވަނީ މާލޭ ވިޔަފާރި ބަނދަރަށް ޒިޔާރަތްކޮށްފަ އެވެ.

މީގެ އިތުރުން ސޭފްޓީ އެންޑް ސެކިއުރިޓީ ޑްރިލް އަކާއި ޕޯޓުގައި ބޭނުންކުރާ މެޝިންތައް ބޭނުންކުރާ ގޮތް ދަރިވަރުންނަށް ވަނީ ދައްކާލައިފަ އެވެ. އަދި ހުޅުމާލެ އިންޓާނޭޝަނަލް ޓަރމިނަލް އަށް ވެސް ދަރިވަރުން ޒިޔާރަތްކުރި އެވެ.

މި ހަރަކާތް ބޭއްވުމުގެ މައިގަނޑު މަޤްސަދަކީ ޕޯޓުގެ ދާއިރާގައި މަސައްކަތް ކުރުމަށް ޝަޢުގުވެރިކަން ދަރިވަރުންގެ މެދުގައި އިތުރުކޮށް، މި ދާއިރާގެ ކުރިއަށް ދެވެން ހުރި ކެރިއަރތަކުގެ މައުލޫމާތު ހިއްސާކުރުމެވެ.

މީގެ އިތުރުން އެމްޕީއެލް އިން ކުރަމުންގެންދާ މަސައްކަތްތަކުގެ މަޢުލޫމާތުތައް ފޯރުކޮށްދީ ޕޯޓުގެ ދާއިރާގެ ހޭލުންތެރިކަން އިތުރުކޮށް ކުންފުނީގެ ސްޓޭކް ހޯލްޑަރުންނާ އޮތް ގުޅުން އިތުރަށް ވަރުގަދަކުރުންވެސް ހިމެނެ އެވެ. މި ހަރަކާތުގައި ބައިވެރިވާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ތިން ދަރިވަރަކަށް މި ކުންފުނީގެ ފަރާތުން ލެޕްޓޮޕް ހަދިޔާކުރުމަށްވެސް ވަނީ ނިންމައިފަ އެވެ.