ސަރުކާރުގެ ވުޒާރާތަކުގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި އިދާރާތަކަށް ސިޔާސީ ނުފޫޒް ވަދެފައިވާ ކަން ފާހަގަ ކުރެވެމުންދާ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ މިހާތަނަށް އައިއިރު ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓްރީތަކާއި މިނިވަން މުއައްސަސާތަކާ އެކުގައި ބައްދަލުވުންތައް ބޭއްވިފައިވާ ކަމަށެވެ.

އެގޮތުން ފާހަގަ ކުރެވުނު އެއް ކަމަކީ ގާނޫނީ ނިޒާމުގެ ތެރެއިން ހާއްސަ ގާނޫނެއްގެ ދަށުން އުފެއްދިފައި ހުންނަ މުސްތަގިއްލު އިލްމީ މަސައްކަތްތައް ކުރުމަށް އުފެއްދިފައި ހުރި ބައެއް އިދާރާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒް ވަދެފައިވާތީ، ގާނޫނުން ތަސައްވަރު ކުރެވިފައިވާ ޒިންމާ އަދާ ކުރުމުގައި ދަތިތަކެއް ކުރިމަތިވުން އަންނަ ކަން ކަމުގައި ފިރުޒުލް ވިދާޅުވި އެވެ.

"މިނިސްޓްރީއެއްގެ ބަލަދުވެރިކަމުގެ ދަށުގައި ހުންނަ ނުވަތަ ރޭވިފައި ހުންނަ މުއައްސަސާތަކަކީ އޭގެ ޒާތުގައި އިލްމީ ފަންނީ، މަސައްކަތްތަކެއް ކުރުމަށް ގާނޫނު ތަސައްވަރުކޮށްފައި ހުންނަ މުއައްސަސާތައް. ނަމަވެސް އެ މުއައްސަސާތަކުން އެބަ ފާހަގަ ކުރައްވާ އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން އެބޭފުޅުންގެ ޒިންމާ، ގާނޫނުން ތަސައްވަރުކުރައްވާފައިވާ އޮންނަ ޒިންމާ އަދާ ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަން،" ފިރުޒުލް ވިދާޅުވި އެވެ.

އޭގެ އިތުރުން އެ ތަންތަނަށް ލިބެން ޖެހޭ ވަސީލަތާއި ބަޖެޓާއި އިންސާނީ ވަސީލަތް ލިބުމުގެ ދަތިކަމުގެ ސަބަބުން އެބޭފުޅުން ކުރަން ބޭނުންވާ އިލްމީ ފަންނީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ހުރަސް އެޅި، ގާނޫނު އެ ތަސައްވަރު ކުރާ ގާނޫނީ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރުމަށް ދަތިތަކެއް ވަރަށް ބޮޑަށް ކުރިމަތިވެފައި ހުރި ކަން އެ ބޭފުޅުން ފާހަގަ ކުރައްވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ސަރުކާރު ކުންފުނިތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ވަކިން ހާއްސަކޮށް ސަރުކާރުގެ މަޝްރޫއުތައް ހިންގުމުގައި ޝާމިލްވާ ކުންފުނިތަކުގެ ހާލަތު ދަށް ކަމަށެވެ.

"އެންމެ ބޮޑު ގޮންޖެހުމެއް ކަމަށް އެ ކުންފުނިތަކުން ފާހަގަކުރަމުންދާ ކަމަކީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފަހު އެއަށް ލިބެންޖެހޭ ފައިސާ، މަޝްރޫއުތަކުގެ އަގު ވަރަށް ބޮޑަށް ނުލިބި ހުރުމުގެ ސަބަބުން އެ ކުންފުނިތަކުގެ ކޭޝް ފްލޯ އަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައި،" ފިރުޒުލް ވިދާޅުވި އެވެ.

"މި ކޭޝް ފްލޯގެ ދަތިކަމުގެ ސަބަބުން މި އަހަރު ނިންމާލާއިރު ކުރިއަށް އޮތް ދެ މަހުގެ ޑެއިލީ އެކްސްޕެންޝަންތައް ފުއްދުމަށްޓަކައި ވެސް ވަރަށް ބޮޑު އަދަދުތަކުން ކޭޝް ފްލޯ އިންޖެކްޓް ކުރަން ޖެހޭނެ ކަމަށް އަޅުގަނޑުމެންނަށް ލަފާ ކުރެވޭ."

ނަމަވެސް، އެއީ ކޮން ކުންފުނިތަކެއް ކަމަށް ފިރުޒުލް ހާމައެއް ނުކުރައްވަ އެވެ.