2001 ވަނަ އަހަރު ނެރުނު "ގަދަރް" ފިލްމުގެ ދެވަނަ ބައި "ގަދަރް 2"އަށް ލިބުނު ބޮޑު ކާމިޔާބާއެކު އެ ފިލްމުގެ ލީޑު އެކްޓަރު ސަނީ ޑިއޯލް ވެފައިވަނީ ބޮލީވުޑްގައި މިވަގުތު އެންމެ ޑިމާންޑިންގް އެކްޓަރަށެވެ.

އެގޮތުން 90ގެ އަހަރުތަކާއި ދެހާހުގެ ކުރީކޮޅުގެ އަހަރުތަކުގައި އޭނާ ކުޅެފައިވާ ފިލްމުތަކުގެ ސީކުއަލްތައް ހަދަން ޕްރޮޑިއުސަރުން އަންނަނީ ޝައުގުވެރިކަން ފާޅު ކުރަމުންނެވެ.

އޭގެ ތެރެއިން އެއް ފިލްމަކީ 1997 ވަނަ އަހަރު ނުކުތް "ބޯޑާ" ފިލްމެވެ. އެ ފިލްމުގެ ދެވަނަ ބަޔަށް ސަނީ ޑިއޯލް މިހާރު ވަނީ ސޮއި ކޮށްފަ އެވެ.

ހަބަރުތައް ބުނާ ގޮތުގައި "ގަދަރު 2"ގެ ކާމިޔާބީއަށްފަހު ސަނީ ވަނީ އޭނާ ފިލްމު ކުޅެދޭ އަގު ވަރަށް ބޮޑަށް އިތުރުކޮށްފަ އެވެ. އެގޮތުން "ބޯޑާ 2"އަށް އޭނާ 50 ކްރޯޑް ރުޕީސް ނަގަ އެވެ.

"ބޯޑާ 2"ގެ ޝޫޓިން 2024 ވަނަ އަހަރުގެ ކުރީކޮޅު ފަށަން ހަމަޖެހިފައިވާއިރު އެ ފިލްމު ޑައިރެކްޓް ކުރާނެ ފަރާތެއް އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.