މިިދިޔަ މަހު ހަތްވަނަ ދުވަހު ސިނަމާތަކުގައި އަޅުވައި ބޮޑު އާމްދަނީއެއް ހޯދަމުން އަންނަ "ޖަވާން" އޯޓީޓީގައި ރިލީޒް ކުރާނެ ދުވަހަކަށް ގިނަ ބަޔަކު ދަނީ އިންތިޒާރު ކުރަމުންނެވެ. އެންމެ ފަހުން "ޖަވާން" ރިލީޒް ކުރާނެ ޕްލެޓްފޯމްއަކާއި ތާރީހެއް މިވަނީ އިއުލާން ކުރެވިފަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި "ޖަވާން" ރިލީޒް ކުރާނީ މަޝްހޫރު ސްޓްރީމިން ނެޓްވޯކް "ނެޓްފްލިކްސް"ގަ އެވެ. އެ ފިލްމު ނެޓްފްލިކްސްއަށް އަންނާނީ އަންނަ ނޮވެމްބަރު މަހުގެ ދެވަނަ ދުވަހު އެވެ.

އެ ދުވަހު "ޖަވާން" ރިލީޒް ކުރަން ނިންމާފައިވަނީ ފިލްމުގެ ލީޑް ޝާހްރުކް ޚާންގެ 57 ވަނަ އުފަން ދުވަހާ ގުޅުވައިގެންނެވެ. މިއީ އޭނާގެ އުފަންދުވަހުގެ ހަދިޔާއެއް ކަމަށް ފިލްމުގެ ޕްރޮޑިއުސަރުން ބުނެ އެވެ.

"ޖަވާން" ސިނަމާތަކުގައި އެޅުވިތާ މަހަކަށްވުރެ ގިނަ ދުވަސްވެފައިވާއިރު އެ ފިލްމު އަދިވެސް އަންނަނީ ބޮޑު ސްކްރީންތަކުގައި ދައްކަމުންނެވެ.

އެގޮތުން އެ ފިލްމު ވެފައިވަނީ މި އަހަރު ބޮލީވުޑްގައި ނެރުނު އެންމެ ކާމިޔާބު ފިލްމަށެވެ. އެ ފިލްމާ އެންމެ ކައިރި ކުރަނީ ޖެނުއަރީ މަހު ނެރުނު ޝާހުގެ އެހެން ފިލްމެއް ކަމަށްވާ ޕަތާން އެވެ.

"ޖަވާން"ގައި ޝާހްގެ އިތުރުން ދެން ފެނިގެންދަނީ ދެކުނުގެ އެކްޓަރެއް ކަމަށްވާ ނަޔަންތުރާ އެވެ. ދީޕިކާ ޕަދުކޯންގެ ހާއްސަ ފެނިލުމެއް ވެސް އެ ފިލްމުގައި ހިމެނެ އެވެ.