ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ފޯރުކޮށްދޭން ޖެހޭ ވަސީލަތްތައް އޯޑަރުކޮށްފައި ނުވާތީ އެ ތަންތަނުން ދޭ ހިދުމަތްތައް ހުއްޓުމަކަށް އަންނަ ކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފިރްޒުލް ވިދާޅުވީ ކޮންމެ އަހަރަކު ދެ ފަހަރު ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކަށް ޕީއޯ ރެއިޒް ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އައިއިރު، މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ރެއިޒް ނުވަތަ އޯޑަރުކޮށްފައި ނުވާ ކަމަށެވެ.

"މީގެ ސަބަބުން އަޅުގަނޑުމެންނަށް ފާހަގަ ކުރެވޭ މިހާރު ވެސް ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ހޮސްޕިޓާތަކާއި އަދި އެހެންމެ ހެލްތު ސެންޓާތަކުގައި ހިދުމަތްތައް ހުއްޓުމަކަށް އަންނަމުންދާ ކަން،" ފިރްޒުލް ވިދާޅުވި އެވެ.

މި ހާލަތު މިގޮތަށް ދެމިގެން ހިނގައްޖެ ކަމަށްވާ ނަމަ، ނޮވެމްބަރު މަހާ ހަމައަށް ނުވަތަ ނޮވެމްބަރު މަހުގެ މެދަކާ ހަމައަށް އަންނަ އިރު، ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައިދޭ ވަރަށް ގިނަ ހިދުމަތްތައް އެކީ އެކައްޗަކަށް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެ ކަންބޮޑުވުން ވަރަށް ބޮޑަށް ފާހަގަވެފައިވާ ކަމަށެވެ.

ފިރްޒުލް ވިދާޅުވީ މި ހިދުމަތްތަކުގެ ތެރޭގައި ލެބޯޓަރީތަކުން ފޯރުކޮށްދޭ ހިދުމަތްތައް ވެސް ހިމެނޭ ކަމަށެވެ.

ފިރްޒުލް ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުން ދޭ ހިދުމަތްތައް މިހާރު މެނޭޖް ކުރަމުންދަނީ އިމަޖެންސީ ސްޓޮކްގެ ބޭނުން ހިފައިގެން ކަމަށެވެ. މި އޯޑަރުތައް ނުކުރެވިގެން އުޅެނީ ބަޖެޓުގެ ތެރެއިން ހަމަޖެހެން ޖެހޭ ފައިސާ ހަމަނުޖެހި ހުރުމުގެ ސަބަބުން ކަމަށް ވެސް ފިރްޒުލް ވިދާޅުވި އެވެ.