އައިޖީއެމްއެޗްގެ އެންމެ ބޮޑު ދެ ސެންޓަރު ކަމަށްވާ ނެޝަނަލް ކާޑިއެކް ސެންޓަރާއި ނާރުގެ ބަލިތަކުގެ ހާއްސަ ސެންޓަރުގެ ހިންގުން ހަވާލުކޮށްފައިވާ ފަރާތްތަކަށް މި ސަރުކާރުން 5.3 މިލިއަން ޑޮލަރު ނުދައްކާ ހުރިކަން ފާހަގަވެފައިވާކަމަށް އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވެއްޖެ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިރްޒުލް ވިދާޅުވީ އައިޖީއެމްއެޗް ތެރޭގައި ބައެއް ހާއްސަ ފަރުވާދޭ ތަންތަން އެބަހުރި ކަމަށެވެ. އެ ތަންތަނުގައި ބައެއް ފަހަރު ބޭރުގެ ހޮސްޕިޓަލްތަކާއި ކުންފުނިތަކުން ހިދުމަތްދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެގޮތުން ހިތުގެ ބަލީގެ ސެންޓަރާއި ނާވް ސެންޓަރުގެ ހިދުމަތް ދޭ ކުންފުނިން ދޭ ހިދުމަތަށް ނުދައްކާ 5.3 މިލިއަން ޑޮލަރުގެ ބިލެއް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެ ކުންފުނިތަކުން ސެންޓަރުތައް ފޯރުކޮށްދެމުންދާ އެކި އެކި ސާމާނުތަކާއި ގުޅޭ ބިލްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ހިތުގެ ފަރުވާއަށް ބޭނުންވާ ސްޓަންޓް، ބެލޫން، އެންޖީއޯ ގްރާމް ހެދުމަށް ބޭނުންކުރާ އެކި ކަހަލަ ސާމާނު ހިމެނޭ ކަމަށާއި މި ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން ސެންޓަރުތަކުގެ ހިދުމަތް ހުއްޓުމަކަށް އައުމަކީ އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ބިލްތައް ނުދައްކާ ހުރުމުގެ ސަބަބުން މި ސެންޓަރުގެ ހިދުމަތް ހުއްޓުމަކަށް އައުން އެއީ އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،" ފިރްޒުލް ވިދާޅުވި އެވެ.
މީގެ އިތުރުން އައިޖީއެމްއެޗްއަށް މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓްގެ ތެރެއިން އަހަރުގެ ބާކީ އޮތް މުއްދަތަށް ފައިސާ ހަމަޖެހިފައިވަނީ މުވައްޒަފުންގެ މުސާރައަށް ބޭނުންވާ މިންވަރަށް އެކަނި ކަން ފާހަގަވެފައިވާ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.
އަދި އެހެނިހެން ކަންކަމުގެ ގޮތުގައި މަރާމާތަށް ބޭނުންވާ ފައިސާ އާއި މެޝިނަރީގެ މަރާމާތާ ގުޅޭ ވަރަށް ގިނަ ކަންކަން ފައިސާ ނެތިގެން ހުއްޓުމަކަށް އައިސްފައިވާ ކަމަށް ފިރްޒުލް ވިދާޅުވި އެވެ.
މި ސަރުކާރުން ސިއްޙި މަރުކްޒުގެ މޮޑެލަކީ މައި ހޮސްޕިޓަލްތައް ހިންގުން ހެލްތު މިނިސްޓްރީގެ ދައުރެއް ނެތި ހިންގުންކަމަށް ވިދާޅުވި އެވެ. އެތަންތަން ހިންގަނީ ރައީސްގެ ގަރާރަކުން ވަކި ބޯޑަކުންކަމަށާއި، ކަންބޮޑުވުމަކީ އެތަންތަނަށް ހެލްތު މިނިސްޓްރީގެ ދައުރު ނެތުންކަމަށް ފިރުޒުލް ވިދާޅުވި އެވެ. އެއީ ސިއްހީ ދާއިރާގެ މުހިންމު ތަންތަންނަމަވެސް، ހެލްތު މިނިސްޓްރީގެ ދައުރު ނެތުމުން ފެންވަރާމެދު ސުވާލު އުފެދޭ ކަންކަން ހުރިކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
"މި މޮޑެލް ބޭނުން ކުރުމުގެ ތެރޭގައި ހެލްތް މިނިސްޓްރީގެ ދައުރު ހޮސްޕިޓަލުތައް ހިންގުމުގައި ނުހިމެނުމުގެ ނަތީޖާއެއްގެ ގޮތުން އެތަންތަން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރުގައި ވަރަށް ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފައި، އެތަންތަނުން އެއް ހަމައަކުން ފޯރުކޮށްދޭންޖެހޭ ހިދުމަތްތައް ވަރަށް ބޮޑެތި ފަރަގުތަކެއް އެބަހުރި." ފިރުޒުލް ވިދާޅުވި އެވެ.