މިފަހުން ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ޓިކްޓޮކްއަށް ދިން އިންޒާރާއެކު އެކަމަށް އެންމެ އެކަށޭނަ ފިޔަވަޅުތައް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އީޔޫއިން މިދިޔަ ހަފްތާ ތެރޭގައި ޓިކްޓޮކްއަށް އިންޒާރު ދީފައިވަނީ މިހާރު ކުރިއަށްދާ އިޒްރޭލު - ފަލަސްތީނު ހަނގުރާމައާ ބެހޭ ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ އެވެ.

ހުކުރު ދުވަހު އީޔޫގެ ކޮމިޝަނަރު ތިއަރީ ބްރިޓަން ސޮއިކޮށް ޓިކްޓޮކްގެ ޗެއާމަން ޝޫ ޒީ ޗޫއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޓިކްޓޮކްގައި ފަތުރަމުން އަންނަ ދޮގު މައުލޫމާތު ހުއްޓުވަން ވަގުތުން ފިޔަވަޅު އެޅުމަށެވެ.

ޓިކްޓޮކްއަކީ ޒުވާނުންނާއި ފުރާވަރު ކުދިންގެ މެދުގައި މަގްބޫލު ޕްލެޓްފޯމެއް ކަމަށާއި އެހެން ކަމުން އެ ޕްލެޓްފޯމްގައި ދައުރުވާ ކޮންޓެންޓަކީ ރަނގަޅު ކޮންޓެންޓްތަކެއްކަން ޔަގީން ކުރުމުގެ ޒިންމާ އެކުންފުންޏަށް އޮތް ކަމަށްވެސް ސިޓީގައިވެ އެވެ.

އެކަމާ ބެހޭ ގޮތުން ޓިކްޓޮކްއިން ބުނެފައިވަނީ އީޔޫގެ ނޯޯޓިސް ލިބުމާއެކު އެކަމަށް ފިޔަވަޅު އަޅައި ޓިކްޓޮކްގައި ދައުރުވަމުން ދިޔަ އަނިޔާވެރިކަން ދައްކުވައިދޭ ކޮންޓެންޓް ނަގާފައިވާ ކަމަށެވެ.

ހަމައެއާއެކު ކޮންޓެންޓް ބަލައި ފާސް ކުރުމަށްޓަކައި މުވައްޒަފުންގެ އަދަދު ވެސް އިތުރުކޮށް ޓިކްޓޮކްއަކީ ހުރިހާ އުމުރަކާ ގުޅޭ ތަނަކަށް ހެދުމަށްޓަކައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ޓިކްޓޮކްއަކީ ދިވެހިންގެ މެދުގައި ވެސް ވަރަށް އާއްމު އެޕް އެކެވެ. އެ ޕްލެޓްފޯމްގައި ޣައްޒާގެ ނިކަމެތި ރައްޔިތުންގެ ހާލަތު ފެންނަ ވީޑިއޯތައް އަންނަނީ ދައުރު ވަމުންނެވެ.