ސަލްމާން ޚާންގެ ކުރިއަށް އޮތް ފިލްމު "ޓައިގާ 3"ގެ ފުރަތަމަ ޓްރެއިލާ އާއްމުކޮށް ނެރުމުން ގިނަ ބައެއްގެ ތައުރީފު ސަލްމާންއަށް އޮހެމުން އެބަދެ އެވެ.

ބޮލީވުޑް ފިލްމް ފްރެންޗައިޒް "ޓައިގާ"ގެ ތިންވަނަ ފިލްމު ނެރެން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު ފިލްމުގެ ޓްރެއިލާގައި ފެނިގެންދިޔައީ ސަލްމާންގެ ވަރަށް މޮޅު އެކްޓިންއެއް ކަމަށް އެ މީހުން ބުނެ އެވެ.

ގައުމީ ޒިންމާއާއި އާއިލާއާ ދެމެދު ތާށިވެ އުނދަގޫ ނިންމުންތަކެއް ނިންމަން ޖެހިފައިވާ މީހެއްގެ ރޯލުން ސަލްމާން ފެނިގެންދާއިރު އޭނާއާއެކު ދެން ފިލްމުގައި ފެނިގެންދާނީ ކެޓްރީނާ ކައިފްއާއި އިމްރާން ޚަޝްމީ އެވެ.

"ޓައިގާ" ފްރެންޗައިޒްގެ ކުރީގެ ފިލްމުތަކަށް ވެސް ގިނަ ބައެއްގެ ތަރުހީބު ލިބިފައިވާއިރު އެ ފްރެންޗައިޒްގެ ތިންވަނަ ބައަކީ ވެސް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދާނެ ފިލްމެއް ކަމަށް ބޮލީވުޑްގެ މާހިރުން ލަފާކުރެ އެވެ.

https://www.youtube.com/watch?v=vEjTUDjjU6A

އަދިތްޔާ ޗޯޕްރާގެ "ޔަޝް ރާޖް ފިލްމްސް"އިން އުފައްދައި މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ޓައިގާ 3 ބޮޑު ސްކްރީނަށް އަންނާނީ ހިންދޫންގެ އީދެއް ކަމަށްވާ ދިވާލީއާ ދިމާކޮށެވެ.

އިއްޔެ ޓައިގާ 3ގެ ޓްރެއިލާ އާއްމުކޮށްފައިވާއިރު އެންމެ ހަތް ގަޑިއިރު ތެރޭގައި 20 މިލިއަނަށްވުރެ ގިނަ މީހުން ވަނީ އެ ޓްރެއިލާ ބަލާފަ އެވެ.

"ޓައިގާ 3"ގެ ދެން އެންމެ ފާހަގަކޮށްލެވޭ ކަމަކީ ޕަތާންގެ ގޮތުގައި ޝާހުރުކް ޚާންގެ ހާއްސަ ފެނިލުމެއް ފެނިގެން ދިއުމެވެ. ޖެނުއަރީ މަހު ނުކުތް ޝާހުގެ "ޕަތާން"ގައި ސަލްމާންގެ ހާއްސަ ފެނިލުމެއް ވެސް ފެނުނެވެ.