ފަލަސްތީނު ރައްޔިތުންނަށް ނަސްރު ދެއްވުން އެދި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ވަނީ އިޒްރޭލްގެ ސަހްޔޫނީ ޔަހޫދީންގެ ފަރާތުން ފަލަސްތީނުގެ ރައްޔިތުންނަށް ލިބެމުންދާ އަނިޔާތަކާއި ކުރިމަތިވަމުންދާ ލާއިންސާނީ އަމަލުތަކުން ސަލާމަތްކޮށްދީ، އަމާންކަމާއި ރައްކާތެރިކަމާއި ކެތްތެރިކަން ދެއްވުން އެދި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގުނޫތު ނާޒިލާ ކިޔަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއަދުގެ މެންދުރު ނަމާދުން ފެށިގެން ފަރުޟު ފަސް ނަމާދުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި ގުނޫތު ކިޔުމަށް ހުރިހާ މިސްކިތްތަކުގެ އިމާމުންނަށް އަންގާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
ކޮންމެ ނަމާދެއްގެ ފަހު ރަކުއަތުގައި ގުނޫތު ކިޔުމަށް މިއަދު އަންގާފައިވާއިރު މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުއަތުގައި އިއުތިދާލުގައި، ހުރިހާ މިސްކިތެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
އިސްލާމިކް މިނިސްޓްރީން ވަކި ގޮތެއް އަންގަންދެން ކޮންމެ ނަމާދެއްގައި ވެސް ގުނޫތު ނާޒިލާ ކިޔުމަށް އެ މިނިސްޓްރީން ވަނީ އަންގައިފަ އެވެ.
މި މަހުގެ 7 ވީ ހޮނިހުރު ދުވަހު ފެށި ހަމަލާތަކަށް ދެ ހަފްތާ ވާންދާ އިރު އިޒްރޭލުން ވަނި ފަލަސްތީނުގެ 3،300 މީހުން ޝަހީދު ކޮށްލައފަ އެވެ.