ދަރިންނަށް މާބޮޑަށް ތައުރީފުކޮށް އާދަޔާހިލާފު ސަމާލުކަމެއް އެ ކުދިންނަށް ދިނުމަކީ އެ ކުދިންގެ އަހުލާގަށް އޭގެ ނޭދެވޭ ގިނަ އަސަރުތަކެއްކޮށް އަމިއްލަ އެދުން ބޮޑުވެ، އަދި ބޮޑާކަމާއި ކިބުރުވެރިކަން އެ ކުދިންގެ އަހުލާގުގައި އަށަގަންނަ ކަމެއް ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

މި ރިޕޯޓްގައި ބުނެފައި ވަނީ އަމިއްލަ ދަރިއަށް މައިންނާއި ބަފައިންގެ ހިތުގައި އޮންނަ ލޯތްބެއްގެ ބޮޑުކަމުން އެ ލޯބީގައި ހައްދުފަހަނަޅައި ދެވޭއިރު ވެސް އެކަން ނޭނގޭ ކަމަށެވެ. އަދި މި ލޯތްބާއި އަޅާލުމުގައި ރޮނގު ހުރަސްކޮށް ދަރިންނަށް ހިދުމަތްކުރުމުގައި މައިންބަފައިން ހައްދުފަހަނަޅައިދާ ހިސާބުން ދަރިންގެ އަހުލާގަށް ނޭދެވޭ އަސަރުކުރަން ފަށަނީ ކަމަށެވެ.

މި ދިރާސާ ކުރިއަށް ގެންދިޔަ ތަޖުރިބާކާރުންގެ ޓީމުން ބުނެފައި ވަނީ ދަރިފުޅު ބޭނުންވާހާ ކަމެއް އޭނާއަށް ކޮށްދިނުމުގެ ބަދަލުގައި ކޮންމެވެސް ވަރެއްގެ ހަރުކަށިކަމެއް ދައްކައިގެން ދަރިފުޅަށް ކަންތައްތައް ބުނެ ދިނުމަކީ އޭގެ ސަބަބުން އެ ދަރިފުޅުގެ އަހުލާގަށް މުހިންމު ހެޔޮ ބަދަލުތަކެއް ވެސް އަންނަ ކަމެއް ކަމަށެވެ.

ދިރާސާ ރިޕޯޓްގައި ބުނެފައި ވަނީ "ތިމަންނަގެ ދަރި އެހެން އެންމެންގެ ދަރިންނަށް ވުރެ މޮޅުވާނެ ކަމަށާއި ރަނގަޅުވާނެ" ކަމަށް ބުނެ މިފަދަ އިބާރާތްތަކުން ދަރިންނަށް ތައުރީފުކުރުމަކީ ވަރަށް ވެސް ނުބައި އަސަރުތަކެއް ދަރިންގެ އަހުލާގަށް ކުރާ ކަމެއް ކަމަށެވެ.

ތަޖުރިބާކާރުން ބުނަނީ އެގޮތަށް ދަރިންނަށް ތައުރީފު ކުރުމުން އެ މީހުންނަށް އަބަދުވެސް މުހިއްމުވެފައި އޮންނާނީ އެމީހުންގެ ކަންކަން ކަމަށާއި ބާރު އަޅާނީ އަބަދުވެސް އެމީހުންގެ އަމިއްލަ ބޭނުންތައް އެންމެ ފުރަތަމަ ފުއްދުމަށް ކަމަށެވެ.

"ތިމަންނަ އަށްވުރެ މަތިވެރި މީހެއް ނެތް ކަމުގެ އިހްސާސްކުރެވޭ ހިސާބަކީ ވަރަށް ގޯސް ހިސާބެއް. އެގޮތަށް ވިސްނެން ފަށާ ހިސާބުން އެ މީހަކު ދެން ތިބޭ މީހުންނަކަށް ނުބަލާނެ. އެހެންވީމަ ދަރިންނަށް ވެސް ވިސްނައިދޭން ވާނީ އެންމެންނަކީ ވެސް ހަމަހަމަ ބައެއްކަން،" ދިރާސާގައި އިސްކޮށް ބައިވެރިވި، އޮހަޔޯ ސްޓޭޓް ޔުނިވާސިޓީގެ ސައިކޮލޮޖީ ޕްރޮފެސާ ބްރެޑް ބުޝްމަން ވިދާޅުވި އެވެ.

ދަރިންނަށް ތައުރީފު ވެސް ކުރަންވާނެ އެވެ. އެއީ އެ ކުދިންނަށް ލިބޭ އިތުރު ހިތްވަރެކެވެ. އެހެން ނަމަވެސް ތައުރީފު ކުރަންވާނީ ވަކި ހައްދެއްގެ ތެރެއިންނެވެ.