ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޮންލައިން އެޕޮއިންޓްމަންޓް ޕޯޓަލް އަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލް އިން ބުނީ ބްރާންޗް އަދި ސަރވިސް ސެންޓަރުން ފަސޭހަކަމާއެކު އެޕޮއިންޓްމަންޓް ހޯދުމަށް އިތުރު ފަސޭހަތައް ތައާރަފްކޮށްފައިވާނެ ކަމަށެވެ.

މިއާ އެކު، ކަސްޓަމަރުންނަށް މިހާރު ބީއެމްއެލް އަދި ބީއެމްއެލް އިސްލާމިކް ޚިދުމަތްތައް ހޯދުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސުމަށް ކުރިޔަށް އޮތް 10 ދުވަހަށް އެޕޮއިންޓްމަންޓް ލިބެންހުރި ތާރީޚާއި ގަޑި ފަސޭހަކާއެކު ޕޯޓަލް މެދުވެރިކޮށް ބަލާލެވޭނެއެވެ.

އަދި ޕަރސަނަލް ކަސްޓަމަރުންނަށް ލޯނަށް އެދި ހުށަހެޅުމަށާއި ބީއެމްއެލް ގެ ޓީމާއި ބައްދަލުކޮށް ލޯނު އަދި ފައިނޭންސިންގ ގެ މައުލޫމާތު ސާފުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެ އެވެ.

މީގެއިތުރުން ބިޒްނަސް ކަސްޓަމަރުންނަށް ބޭންކް އެކައުންޓް ހުޅުވުމާއި، ލޯނު އަދި ފައިނޭންސިންގ އަށް އެދި ހުށަހެޅުމާއި ލޯނާއި ފައިނޭންސިންގ އާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ބީއެމްއެލްގެ ސްޕެޝަލިސްޓް ޓީމާ ބައްދަލުކުރުމަށް އެޕޮއިންޓްމަންޓް ހަމަޖެއްސޭނެއެވެ. އަދި ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ކަސްޓަމަރުންނަށް އެޕޮއިންޓްމަންޓް ޕޯޓަލް އަށް ވަދެވޭނެ އެވެ.