ހދ. ކުޅުދުއްފުށި ސިޓީ އެއާޕޯޓުގައި އެއްޗެއް ގޮވުމުގެ ސަބަބުން ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާ އަށް މިރޭ މާލެ ގެނެސްފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެމީހާ މާލެ ގެނައީ ޑޯނިއާ މަތިންދާ ބޯޓުގައި ކަމަށެވެ. އެމީހާ އަށް ފަރުވާ ދެމުން އަންނަނީ އައިޖީއެމްއެޗްގަ އެވެ.

ކުޅުދުއްފުށީ އެއާޕޯޓުގައި މި ހާދިސާ ހިނގާފައި ވަނީ ފަޔަ ޓްރެއިނިންގައި ބޭނުންކުރާ ސިލިންޑަރެއް ރިފިލް ކުރުމުގެ ތެރޭގައި އެ ގޮވައިގެންނެވެ.

އެ މީހާގެ އަތަށް ސީރިއަސް ޒަހަމްތަކެއް ލިބިފައިވާ އިރު، އޭނާއަކީ އެއާޕޯޓްގައި މަސައްކަތް ކުރާ 37 އަހަރުގެ ފަޔާ ފައިޓަރެކެވެ.

މި ހާދިސާގައި އިތުރު ތިން މީހަކު ވެސް ޒަހަމްވި އެވެ. އެމީހުންނަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަންނަނީ ފަރުވާ ދެމުންނެވެ.