ކުރިއަރ އަދި އެއަރކާރގޯ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ތިން ޝިޕްމަންޓެއް ހިމެނޭ ގޮތަށް އަށް ކިލޯ އަށް ވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން މިއަދު ބުނީ ފުރަތަމަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ ސެޕްޓެމްބަރ 27 ވަނަ ދުވަހު ކުރިއަރ ސަރވިސް މެދުވެރިކޮށް ޖަރުމަންވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ކުނޑިތަކެއް ފެނުމުން އިތުރަށް ޗެކް ކުރުމުގެ ތެރޭގައި ކަމަށެވެ.

މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން އަށް ޕޮޒިޓިވް ވި އިރު، މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 2،250 ގްރާމް ހުރި ކަަސްޓަމްސް އިން ބުނެ އެވެ.

މި މަހުގެ ފަސް ވަނަ ދުވަހު އިންޑިޔާއިން އިން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓުގެ ތެރޭގައި ހިމެނޭ ޖުމްލަ ފަސް ދާގީނާގެ އެތެރޭގައި ހުރި އިލްކްޓްރޯނިކް އާލާތްތަކުގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައިހުރިކަން ފާހަގަކުރެވުނު ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މި ތަކެތި ތަޙުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 3،040 ގްރާމް ހުންނާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.

މަސްތުވާތަކެތި ހިމެނޭ ތިންވަނަ ޝިޕްމެންޓް އަތުލައިގަނެފައިވަނީ، މި މަހުގެ ހަތް ވަނަ ދުވަހު ތައިލެންޑުން ރާއްޖެ އައިސްފައިވާ އެއާރކާގޯ ޝިޕްމަންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އަދި މި ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވްވެފައިވެ އެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު ޖުމްލަ 3،550 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 4.2 މިލިއަން ރުފިޔާއަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.