އިސްރާއީލުން ފަލަސްތީނުގެ ޣައްޒާގެ އެކި ހިސާބުތަކަށް ބޮން އެޅުމުގެ ސަބަބުން ޝަހީދުވި މީހުންގެ އަދަދު 5،000 އަށް އެރި އިރު، އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއް ބަޔަކީ ކުޑަކުދިން ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މިމަހުގެ ހަތްވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ކުއްލި ހަމަލާތަކުގެ ސަބަބުން ބަދަލުހިފުމަށް ޔަހޫދީ އިސްރާއީލުން އަންނަނީ ޣައްޒާގެ އެކި ހިސާބުތަކަށް ހުއްޓުމެއް ނެތި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. އިސްރާއީލުން ދެމުންދާ ހަމަލާތައް އާންމުން ދިރިއުޅޭ އިމާރާތްތަކާއި ހޮސްޕިޓަލްތައް ވެސް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން އިސްރާއީލުން ވަށާލާފައިވާ ޣައްޒާ އަށް ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް 5،100 މީހުން ވަނީ ޝަހީދުކޮށްލާފައި ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ވަނީ ބުނެފަ އެވެ.

އިސްރާއީލުގެ ހަމަލާތަކުގެ ސަބަބުން ޝަހީދުވެފައިވާ ފަލަސްތީނުގެ މީހުންގެ 40 ޕަސެންޓަކީ ހަނގުރާމާގައި އެއްވެސް ބައިވެރިވުމެއް ނެތް ކުޑަކުދިންކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީ އިން ހޯމަ ދުވަހު ވަނީ ހާމަކޮށްފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީ އިން މި ތަފާސްހިސާބު ހާމަކޮށްފައި މިވަނީ އިސްރާއީލުން ފާއިތުވި 24 ގަޑިއިރު ތެރޭގައި ޣައްޒާގެ އެކި ހިސާބުތަކަށް 300 އަށްވުރެ ގިނަ ވައިގެ ހަމަލާތައް ދީފައިވާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްގަ އެވެ.

އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް އެއްދުވަހުން އަނެއް ދުވަހަށް ވަރުގަދަ ކުރަމުންދާއިރު، މިހާތަނަށް ދީފައިވާ ހަމަލާތަކުގައި ޣައްޒާގެ އެތައްހާސް އިމާރާތްތަކެއް ބިމާހަމަވެ، އެއް މިނިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފަ އެވެ. އަދި އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާ ވަށާލާފައި ވުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅެމުންދާ އާންމު ރައްޔިތުން ވަނީ ސާފު ފެނާއި ކާބޯތަކެއްޗާއި އެހެނިހެން އަސާސީ ތަކެތިން މަހުރޫމުވެފަ އެވެ.

ޣައްޒާގެ އާންމު ރައްޔިތުންނާއި ފަލަސްތީނުގެ މިނިވަންކަމުގެ ދިފާއުގައި މަސައްކަތް ކުރަމުންދާ ހަމާސް ޖަމާއަތް ވުޖޫދުން ފޮހެލާނެކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ ފާއިތުވި ހަފްތާ ތެރޭގައި ހާމަކޮށްފައެވެ.

އަދި މިހާރު ޣައްޒާއަށް ދެމުންދާ ވަރުގަދަ ހަމަލާތަކަކީ ހަމާސް ޖަމާއަތް ނައްތާލުމަށް ދެމުންދާ ހަމަލާތަކެއް ކަމަށާއި އިސްރާއީލުން ދީފައިވާ ހަމަލާތައް އަމާޒުކޮށްފައި ވާނީ ހަމާސް ޖަމާއަތުން ބޭނުންކުރަމުންދާ ޓަނަލްތަކާ އޮޕަރޭޝަނަލް ކޮމާންޑް ސެންޓަރުތަކުގެ އިތުރުން ފަލަސްތީނުގައި ހަރަކާތްތެރި ވަމުންދާ އިސްލާމިކް ޖިހާދު ޖަމާއަތުން ބޭނުންކުރަމުންދާ އަސްކަރީ ކޮމްޕައުންޑްތަކާއި އޮބްޒަވޭޝަން ޕޯސްޓްތަކަށް ކަމަށް ވެސް ޔަހޫދީ އިސްރާއީލުން ވަނީ ހާމަކޮށްފަ އެވެ.

އިސްރާއީލުގެ އަނިޔާވެރި އަސްކަރިއްޔާއިން މިހާރުވެސް އަންނަނީ ޣައްޒާގެ ބޯޑަރަށް ޖަމާވެ، ޣައްޒާގެ އެކި ހިސާބުތަކަށް ވައިގެ މަގުން ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގެ މައިގަނޑު އަމާޒަކީ ހަމާސް ޖަމާއަތާ ގުޅުންހުރި އިންފްރާސްޓްރަކްޗާތައް ކަމަށް އިސްރާއީލުން ބުނި ނަމަވެސް މިހާތަނަށް ގިނަ ހަމަލާތައް އަމާޒުވެފައި ވަނީ ޣައްޒާގެ އާންމު ރައްޔިތުން ދިރިއުޅެމުންދާ އިމާރާތްތަކަށެވެ.