އިނގިރޭސި ޝާހީ އާއިލާއަކީ އަބަދުވެސް އެ އާއިލާގެ ހަރުކަށި ގަވާއިދުތަކާއި އުސޫލުތަކަށްޓަކައި ނަން މަޝްހޫރުވެފައިވާ އާއިލާ އެކެވެ. މި ލިޔުމުގައި މި ބަލާލަނީ އިނގިރޭސި ޝާހީ އާއިލާއިން އަަމަލު ކުރަމުން އަންނަ ބައެއް އާދަޔާޚިލާފު ގަވާއިދުތަކަށެވެ.

މޮނޮޕޮލީއެއް ނުކުޅެވޭނެ

އާދައިގެ އާއިލާއެއްގެ ކުޑަކުދިންނަށް ބޯޑު ގޭމެއް ކަމަށްވާ މޮނޮޕޮލީ ކުޅުމަކީ މާބޮޑު ކަމަކަށް ނުވެދާނެ އެވެ. އެހެން ނަމަވެސް ޝާހީ އާއިލާގެ ކުޑަކުދިންނަށް މިއީ މުޅިން މަނާ ކަމެކެވެ. ސަބަބަކަށް ބުނެފައިވަނީ އެ ގޭމަކީ ރުޅިވެރިކަމާއި ނޭދެވޭ އިހުސާސްތައް ގެނުވާ ގޭމަކަށް ވުމެވެ.

އޮޓޯގްރާފެއް ނުދެވޭނެ

ޝާހީ އާއިލާގެ މެމްބަރުންނަކީ އިނގިރޭސި ވިލާތުގެ އިތުރުން މުޅި ދުނިޔޭގެ ވެސް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ޝަހްސިއްޔަތުންނެވެ. އެހެން ނަމަވެސް މަޝްހޫރު ޝަހްސިއްޔަތުން ފަދައިން ޝާހީ އާއިލާގެ މެމްބަރުންނަށް އޮޓޯގްރާފެއް ނުދެވޭނެ އެވެ. ރަސްމީ ސޮއި ނާޖާއިޒު ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު ނުދިނުމަށެވެ.

ދެ ވާރުތަވެރިންނަށް އެކުގައި ދަތުރެއް ނުކުރެވޭނެ

ރަސްކަމުގެ މަގާމު ވާރުތަވާ މެމްބަރުންގެ ތެރެއިން ދެ މެމްބަރަކަށް އެކުގައި ވައިގެ މަގުން ދަތުރެއް ނުކުރެވޭނެ އެވެ. ދިމާވެދާނެ ހާދިސާއަކުން ރަސްކަމުގެ ވާރުތަވެރިކަން މެދުކެނޑިދާނެތީ އެވެ. އެހެން ނަމަވެސް މިކަމުގައި އާއިލާގެ ކުޑަކުދިންނެއް ނުހިމެނެ އެވެ.

ވޯޓެއް ނުލެވޭނެ

އިނގިރޭސި ވިލާތުގައި ބާއްވާ އިންތިހާބުތަކުގައި ޝާހީ އާއިލާގެ މެމްބަރުންނަށް ވޯޯޓު ލުމުގެ ފުރުސަތު ނޯންނަނީ އެ އާއިލާއަކީ ސިޔާސީ ކަންކަމުން ދުރުވެ ތިބެން ޖެހޭ ބަޔަކަށްވާތީ އެވެ. މީގެ އިތުރުން ސިޔާސީ ފިކުރަކަށް ތާއީދުކުރުމާއި އާއްމުކޮށް އެ ވާހަކަ ދެއްކުމަކީ ވެސް މަނާ ކަމެކެވެ.

ކެހެރީގެ ފޭރާމެއް ނުލެވޭނެ

ކެހެރީގެ ފޭރާމަކީ މިޒަމާނުގެ ފެޝަނުގައި ވަރަށް މުހިއްމު ދައުރެއް އަދާކުރާ ފޭރާމެކެވެ. އެހެން ނަމަވެސް އިނގިރޭސި ވިލާތުގެ "ދަ ފާ އެކްޓް 1337" ގާނޫނުގެ ދަށުން ޝާހީ އާއިލާގެ މެމްބަރުން ކެހެރީގެ ފޭރާން ބޭނުން ކުރުމަކީ މަނާ ކަމެކެވެ. ޖަނަވާރުންނަށް ކަމޭހިތުމުގެ ގޮތުންނާއި ކެހެރީގެ ހެދުން ބޭނުންކުރާ ދީނީ ޝަހްސިއްޔަތުންނާ ތަފާތު ވުމަށެވެ. އެހެންނަމަވެސް މި ގަވާއިދު މިހާރު އަންނަނީ މަޑުމަޑުން ފޭދެމުންނެވެ.