ބޮލީވުޑްގެ މަޝްހޫރު ތަރިންތަކެއް އެ ޝޯއަކުން ފެންނާނެ ކަމަށް އުއްމީދުކުރެވޭ "ކޮފީ ވިތު ކަރަން"ގެ އަށްވަނަ ސީޒަން ފަށައިގެން ކުރިއަށްދާއިރު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާ އެއް ތަރިއަކީ ޝާހްރުކް ޚާން އެވެ.

ޑައިރެކްޓަރު ކަރަން ޖޯހަރުގެ ޝޯގައި ޝާހްރުކްގެ ފެނިލުމަކަށް އިންތިޒާރު ކުރަމުން އައި ފަރާތްތަކަށް މި އަހަރުވެސް އޮތީ ހިތާމަވެރި ހަބަރެކެވެ. އެ ޝޯގެ މެހްމާނުންގެ ލިސްޓު އާއްމުވެފައިވާއިރު އެލިސްޓުގައި ޝާހްރުކްގެ ނަމެއް ނެތެވެ.

ހަބަރުތައް ބުނާ ގޮތުގައި ކޮފީ ވިތު ކަރަންގެ ޝޯއަށް ޝާހްރުކް ނޫނެކޭ ބުނެފައިވަނީ މިވަގުތު އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުން ނުވާތީ އެވެ.

2021 ވަނަ އަހަރު ޝާހްރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާން ޑްރަގް މައްސަލައެއްގައި ތާށިވި ފަހުން ޝާހު މީޑިއާއާ ބާއްވާ ގުޅުން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްފަ އެވެ.

ކަރަންގެ ޝޯއަށް އަރަން ޝާހުރުކް ނޫނެކޭ ބުނެފައިވާއިރު އެ ދެމީހުންނަކީ ގާތް ދެ އެކުވެރިންކަން ފާހަގަ ކޮށްލަން ޖެހެ އެވެ. ކޮފީ ވިތު ކަރަން ސީޒަން އެކެއްގެ ފުރަތަމަ މެހެމާނަކީ ވެސް ޝާހްރުކް ޚާން އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ކާމިޔާބު ދެ ފިލްމަށްފަހު ޝާހުރުކް މިހާރު އަންނަނީ ޑިސެމްބަރު މަހު ނުކުންނަ އޭނާގެ ފިލްމު "ޑަންކީ"ގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަމުންނެވެ.