ދުނިޔޭގެ ޖައްވީ ދާއިރާގެ އެކި ކަންކޮޅުތަކުން ލީޑަރުން ހިމެނޭ ބައިނަލްއަގުވާމީ ކާމަން ޕްރޮޖެކްޓްގެ ފްލެގްޝިޕް އިވެންޓް ކަމަށްވާ "ކާމަން ވީކް" އަށް ކާމަން ފެލޯސްގެ އިސް ބޭފުޅުންގެ ވަފުދެއް ރާއްޖެ އަންނަން ވަނީ ހަމަޖެހިފަ އެވެ. މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން (އެމްއެސްއާރުއޯ) އާއި ސިކްސް ސެންސަސް ލާމު ގުޅިގެން ކުރިއަށް ގެންދާ މި ހަރަކާތް އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ޕާޓްނަރުންގެ ތެރޭގައި ސިކްސް ސެންސަސް ލާމު، މޯލްޑިވްސް އަންޑާވޯޓާ އިނިޝިއޭޓިވް، ޓްރާންސް މޯލްޑިވިއަން އެއާވޭސް އަދި އިންޓުއާ މޯލްޑިވްސް ހިމެނެވެ.

ކާމަން ފެލޯޝިޕް ވީކް 2023ގެ އެންމެ އަލިގަދަ އަދި އެންމެ މުހިންމު އިވެންޓަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާ ބެހޭގޮތުން އަންނަ ބުދަ ދުވަހު ހެނދުނު 09:30 އިން 11:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި އެންމެނަށް ހުޅުވާލައިގެން ބާއްވާ ޕަބްލިކް ޕެނަލް ޑިސްކަޝަން އެވެ.

ކޮންމެ އަހަރަކު ދުނިޔޭގެ ޖައްވީ ދާއިރާގައި އިސް މާހިރުން ބައިވެރިވާ ކަމަން ފެލޯޝިޕް ވީކް މި އަހަރު ބާއްވަނީ ރާއްޖޭގެ އެންމެ ފާހަގަކޮށްލެވޭ ސަސްޓެއިނަބަލް ރިސޯޓް ސިކްސް ސެންސަސް ލާމުގަ އެވެ. މި ހަރަކާތުގެ އަމާޒަކީ، ސެޓެލައިޓް ޓެކްނޮލޮޖީގެ ބޭނުން ހިފުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން ދައްކުވައިދިނުމާއި، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ މަސައްކަތްތައް ޓެކްނޮލޮޖީގެ އޭހީގައި އިތުރަށް ހަރުދަނާކުރުމެވެ.

މިގޮތުން ކާމަން ފެލޯސްގެ 2023 ވަނަ އަހަރުގެ މާހިރުން ހޮވާފައިވަނީ ޖައްވުގައި ރަނގަޅު މުސްތަގުބަލެއް ބިނާކުރުމަށް ޕްރޮފެޝަނަލް ކާމިޔާބީތަކަށް ބަލައި ކަމަށާއި އޭގެ ތެރޭގައި އެސްޓްރޮނޯޓުންނާއި ސްޕޭސް އެޖެންސީގެ ޑިރެކްޓަރުންނާއި ކޯޕަރޭޓް ޑިރެކްޓަރުންނާއި ލީޑިން ވިޔަފާރިވެރިންނާއި އިންވެސްޓަރުންނާއި ރިސާޗަރުންނާ އަދި 12 ގައުމެއްގެ އާޓިސްޓުން ހިމެނެ އެވެ.

ދެހާސް ތޭވީސް ވަނަ އަހަރުގެ ކާމަން ވީކްގައި ފުޅާ ދާއިރާއެއްގައި ވޯކްޝޮޕްތަކާއި، ބައިވެރިވެނިވި ހިޔާލުބަދަލުކުރާ ސެޝަންތަކާއި، ފީލްޑް ޓްރިޕްތަކާއި ލޯކަލް އައުޓްރީޗް އެންގޭޖްމަންޓްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އިނޮވޭޓިވް ހިޔާލުތަކާއި ކްރޮސް ކަލްޗަރަލް ނޮލެޖް އެކްސްޗޭންޖްގެ މާހައުލެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން ކްލައިމެޓް މޮނިޓަރިން ސިސްޓަމްތަކާއި، ކެޕޭސިޓީ ބިލްޑިން، ސްޕޭސް ޕޮލިސީ ޑިޒައިން އަދި ސްޕޭސް އެކްސްޕްލޮރޭޝަންގެ މިހާރުގެ ހާލަތު ފަދަ މައުޟޫއުތަކަށް ބައިވެރިންނަށް މައުލޫމާތު ހިއްސާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކާމަން ފެލޯޝިޕް ވީކް 2023 ހަރަކާތްތަކުގެ ތެރޭގައި:

  • ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީއާ ގުޅިގެން ޖައްވީ ދާއިރާގެ ވަޒީފާތަކާ ބެހޭގޮތުން މާލޭގައި ޕަބްލިކް ޕެނަލް ޑިސްކަޝަނެއް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އިވެންޓް ލިންކް: https://tinyurl.com/karmanxmsro
  • މޯލްޑިވްސް އަންޑާ ވޯޓާ އިނިޝިއޭޓިވްގެ ބައިވެރިންނާ އެކު އިންޓެންސިވް ސްޕޭސް ފޯ މޯލްޑިވްސް ވޯކްޝޮޕެއް؛ މިއީ މެރިން ބަޔޮލޮޖިސްޓުންނާއި އެވޯޑް ހާސިލްކޮށްފައިވާ މެރިން ކޮންޒަވޭޝަން އިނީޝިއޭޓިވް، މަންޓާ ޓްރަސްޓް، ބްލޫ މެރިން ފައުންޑޭޝަން އަދި އޮލިވް ރިޑްލީ ޕްރޮޖެކްޓް ގުޅިގެން ކުރިޔަށް ގެންދާ ވޯކްޝޮޕެއް.
  • ހިދަތޫ ސްކޫލަށް ޒިޔާރަތްކޮށް ދަރިވަރުންނަށް ޖައްވީ މައުލޫމާތު ހިއްސާކޮށް އަދި ދިވެހި ދަރިވަރުންގެ ޝުއޫރުތަކާއި އުންމީދުތަށް ހިމެނޭ ހާއްސަ ޕޯސްޓްކާޑުތައް ފަރުމާކޮށް ޖައްވަށް ފޮނުވުމަށް ދަރިވަރުން ތައްޔާރު ކުރާނެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަންގެ ރައީސް މާދިން މަސީހު ވިދާޅުވީ "ކަމަން ފެލޯޝިޕް ވީކް އަކީ ޖައްވީ ދާއިރާގެ ބައިނަލްއަގްވާމީ ލީޑަރުންތަކެއް އެއްތަނަކުން ބައްދަލުކޮށް ޖައްވީ ޓެކްނޮލޮޖީގެ ކުރިމަގު ބައްޓަންކުރާ ވަރަށް މުހިންމު ބައްދަލުވުމެއް ކަމަށެވެ. އަދި މި އަހަރުގެ ރާއްޖޭގައި ކަމަން ފެލޯޝިޕް ވީކް ބޭއްވުމަކީ ރާއްޖެއަށް މި ދާއިރާއިން ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ދުނިޔޭގެ ސައިންސް، ޓްކްނޮލޮޖީ އަދި ޖާއްވީ ދާއިރާއިން މަންފާ ހޯދުމަށް މުހިންމު މަޝްވަރާތަކަކަށް އަޅުގަނޑުމެންގެ ދިވެހިރާއްޖެ ކެރިގެން ނިކުމެ، ޖައްވީ ދާއިރާއިން އަޅުގަނޑުމެންގެ ގާބިލްކަމާއި ހުރި އުންމީދު ދައްކުވައިދޭ ކަމެކެވެ. އަޅުގަނޑުމެންގެ އަމާޒަކީ ޖައްވީ ހޯދުމާއި ދިރާސާކުރުމުގައި ރާއްޖެ ކުރިއަރުވާއި ދިވެހިންނަށް އާ ފުރުސަތްތައް ފަހިކޮށްދިނުމެވެ.

މޯލްޑިވްސް ސްޕޭސް ރިސާޗް އޯގަނައިޒޭޝަން، ކަމަން ޕްރޮޖެކްޓް، ސިކްސް ސެންސަސް ލާމު އަދި މޯލްޑިވްސް އަންޑަވޯޓާ އިނީޝިއޭޓިވް ގުޅިގެން މި އިވެންޓުން ބޭރުން ވެސް މަސައްކަތް ކުރަމުން ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން ރާއްޖޭގެ މޫސުމީ މޮނިޓަރިންގެ ހަރުދަނާ ނިޒާމެއްގެ ގޮތުގައި "ޑިޖިޓަލް އާތު މޯލްޑިވްސް" ތަރައްގީ ކުރުމަށް ދިގު މުއްދަތުގެ މަސައްކަތްތަކެއް އަންނަނީ ކުރެވެމުންނެވެ.