އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް މާދަމާ ހުށަހެޅުމަށް އެޖެންޑާކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާ އަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން އެޖެންޑާކޮށްފައިވާއިރު މި އަހަރުގެ ބާކީ އޮތް މުއްދަތަށް ލަފާކުރާ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުން ވެސް ވަނީ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފަ އެވެ.
މާދަމާ ހުށަހަޅާ ބަޖެޓަކީ މިހާތަނަށް ދައުލަތުން ހުށަހަޅާ އެންމެ ބޮޑު ބަޖެޓެވެ. މަޖިލީހުން ބަޖެޓުގެ މައްސަލަ ބަލައިގަނެ، އޭގައި ހިމެނޭ ކަންކަމަށް ބަހުސްކުރާނެ އެވެ. ބަޖެޓާއި ގުޅޭގޮތުން ނޮވެމްބަރު މަސް ނިމުމުގެ ކުރިން މަޖިލީހުން ގޮތެއް ނިންމަން ޖެހޭނެ އެވެ.
ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓްގައިވާ ގޮތުން، ބޭސްލައިން ހަރަދާއި ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުން ސަލާމަތްކުރެވޭނެ އަދަދުތަކާއި ބަޖެޓުގައި ހިމަނާ އާ މަޝްރޫއުތަކާއި ޕްރޮގްރާމްތަކަށް ބަލައި 2024 ވަނަ އަހަރުގެ ދައުލަތުގެ ޖުމްލަ ބަޖެޓުގެ އަންދާޒާއަކީ 50.6 ބިލިއަން ރުފިޔާ އެވެ.
މިއީ 2023 ވަނަ އަހަރަށް ހުށަހެޅި ބަޖެޓަށްވުރެ 5.3 އިންސައްތަ އިތުރު އަދަދެއް ކަމަށް މި ރިޕޯޓްގައި ބުނެ އެވެ. މި އަހަރު ދައުލަތުގެ ބަޖެޓުގެ ގޮތުގައި ކަނޑައަޅާފައިވަނީ 42.8 ބިލިއަން ރުފިޔާ އެވެ.
މީގެ އިތުރުން މި އަހަރުގެ ބާކީ އޮތް މުއްދަތުގެ ހަރަދުތައް ހަމަޖެއްސުމަށް ވަނީ 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު ބުދަ ދުވަހުގެ ޖަލްސާއަށް ވަނީ މަޖިލީހުގެ ރައީސްކަމުގެ މަގާމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަކިކުރުމަށް ހުށަހަޅާފައިވާ ގަރާރު އެޖެންޑާކޮށްފަ އެވެ.
މަޖިލީހުގެ ރައީސްކަމުގެ މަގާމުން ނަޝީދު ވަކިކުރުމުގެ މައްސަލަ އިއްޔެ އާއި މިއަދުގެ ޖަލްސާއަށް އެޖެންޑާކުރި ނަމަވެސް އެ މައްސަލަ ބޭއްވޭ ގޮތް ނުވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ސަލާމުގައި ހުންނެވުމުންނެވެ.
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ބޭއްވޭނެ ގޮތެއް ހޯދަން އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ވަނީ ބަލައިގަނެފަ އެވެ.