ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގެ ހުރުމަތް ނުކަނޑާ ކަމަށާއި ޖޫރިމަނާ ކުރި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

ޕީޖީ އޮފީސް ޖޫރިމަނާ ކޮށްފައިވަނީ ކޯޓުގައި ހިނގަމުންދާ މައްސަލައެއްގައި ބޭނުންވި މައުލޫމާތު ޕީޖީ އޮފީހުން ދެއްވާފައި ނުވާތީ އެވެ. މި މައްސަލައާ ގުޅޭގޮތުން ޕީޖީ އޮފީހުން ނެރުއްވި ބަޔާނެއްގައި ބުނެފައިވަނީ ފޭދޫ ކޯޓުން އެދިވަޑައިގެންނެވި މައުލޫމާތަކީ އެ އޮފީހަށް ލިބިފައިވާ މައުލޫމާތެއް ނޫން ކަމަށެވެ. އަދި އެފަދަ މައުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާޢުން ހުށަހެޅުއްވުމުން އެ މައުލޫމާތު ހޯދުމުގެ މަސައްކަތް ޕީޖީ އޮފީހުން ކުރައްވާނެކަން ކޯޓުގައި ދަންނަވާފައިވާކަމަށް ޕީޖީ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް އެގޮތަށް މައުލޫމާތު ހޯއްދެވުމަށް ކޯޓުން ޕީޖީއަށް ހުށައަޅުއްވާފައި ނުވާކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ.

"އެ މައުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މަޢުލޫމާތަކަށްވާތީ، އެ މަޢުލޫމާތު ހޯއްދެވޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުއްވައިގެންނެވެ. އެ އަމުރު، ފުލުސް އޮފީހަށް ފޮނުއްވާފައި އޮތްކަމަށް މި އޮފީހަށް މަޢުލޫމާތު ލިބިފައިވެ އެވެ. އެފަދަ ކަމެއްގައި، މި އޮފީހުން ކޯޓުގެ ޙުރުމަތް ކެނޑިކަމަށް ބެލުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުވެދާނެތީ، އެއަމުރު މަތީ މަރްޙަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ." ޕީޖީ އޮފީހުގެ ބަޔާނުގައިވެ އެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ޝަރީއަތުގެ މަޖިލީހުގެ ނިޒާމާ ހިލާފުވުންކަމުގައި ބަލައި އަދަބެއް ކަނޑައެޅޭނީ "ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ހިނގާކަމެއްގައި ކަމަށް ސާފުކޮށް ބަޔާންކޮށްފައިވާއިރު، ޝަރީއަތުގެ މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމެއްގައި، އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅިގޮތާމެދު ވެސް ޕީޖީން ވަނީ ސުވާލު އުފައްދަވައިފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުގައި ހުރި މަޢުލޫމާތެއް ކޯޓުން އެދިވަޑައިގަތުމުން އެމަޢުލޫމާތު ހިފެހެއްޓުމަކީ ޕީޖީ އޮފީހުން ކުރާނެކަމެއް ނޫނެވެ. އަދި ޤާނޫނީ ސަބަބަކާހުރެ އެއްވެސް މައުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަންކުރަނީ، ޖިނާއީ އިޖުރާޢަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެންވާ ކަމަށެވެ.