ޖުޒާމް ބަލި ނުވަތަ ލެފްރަސީ ފެތުރުން ހުއްޓުވި ފުރަތަމަ ގައުމުގެ ޝަރަފު ރާއްޖެއަށް ލިބިއްޖެ އެވެ.

ޖުޒާމް ބަލި ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެވުމާ އެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ އެކަމުގެ ހާއްސަ ފިލައެއް ރާއްޖެ އަށް ދީފަ އެވެ. އެ ހަނދާނީ ފިލާއާ ރާއްޖޭގެ ފަރާތުން ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމެވެ. ރާއްޖެއިން ހޯދި މި ކާމިޔާބީއަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ މަރުހާބާ ކިޔައިފަ އެވެ.

މި ކާމިޔާބީއާ ގުޅިގެން ހެލްތު މިނިސްޓްރީން ވަނީ، ޖުޒާމް ބަލީގެ ބަލިމަޑުކަމުން ރާއްޖެ ސަލާމަތްކުރުމަށް މަސައްކަތް ކުރެއްވި ހުރިހާ ސިއްހީ ހިދުމަތްތެރިންނަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޖުޒާމް ބަލިން ފެތުރުން ހުއްޓުވި ފުރަތަމަ ގައުމަކަށް ރާއްޖެ ވުމަށް "ޒީރޯ ލެޕްރަސީ" ގެ ނަމުގައި ހާއްސަ ކެމްޕެއިނެއް ފެށީ 2019 ވަނައަހަރުގެ ތެރޭގަ އެވެ.

ޖުޒާމް ބައްޔަކީ ގައިން ގަޔަށް އަރާ ބައްޔެކެވެ. ރާއްޖޭއިން ވެސް މި ބަލީގެ މީހުން ވަރަށް ގިނައިން 80 އަހަރުތަކުގެ ކުރިން ފެނިފައިވެ އެވެ.

ޖުޒާމް ބައްޔަށް ހާއްސަ ބޭހެއް ތައާރަފުވުމުން އެ ބައްޔަށް ފަރުވާދޭނެ އިންތިޒާމުތައް ރާއްޖޭގައި ކަނޑައަޅާ ވަކި އުސޫލަކުން އެބަލީގެ މީހުންނަށް ފަރުވާދޭން ފެށި އެވެ. އޭގެ ފަހުން 1997 ގައި، ޖުޒާމް ބައްޔަކީ ރާއްޖޭގައި އާއްމު ސިއްހަތަށް ނުރައްކަލެއް ނޫން ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.