އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް އަންނަ އަހަރު އީދު ސިޓީތަކާއި ބޮޑެތި ރަށްތަކުގައި ކުލަ ގަދަކޮށް އީދު ފާހަގަކުރަން އަންނަ އަހަރުގެ ބަޖެޓުގައި 50 މިލިއަން ރުފިޔާ ހިމަނައިފި އެވެ.

ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުވި އަންނަ އަހަރަށް ލަފާކުރެވޭ ބަޖެޓުގައިވާ ގޮތުން ސިޓީތަކާއި ބޮޑެތި ރަށްތަކުގައި އީދު ފާހަގަ ކުރުމަށްޓަކައި 50 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ކަނޑައަޅާފަ އެވެ.

ރިޔާސީ އިންތިހާބުން ލިބިވަޑައިގެންނެވި ކާމިޔާބީ ފާހަގަކުރުމަށް ސޯޝަލް ސެންޓަރުގައި މިދިޔަ މަހު ބޭއްވި ޖަލްސާގައި ސަޕޯޓަރުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ، އެ މަނިކުފާނުގެ ވެރިކަމެއްގައި ކުލަ ގަދަކޮށް ރަށްރަށުގައި އީދު ފާހަގަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މިދިޔަ ބޮޑު އީދުގައި މާލޭގެ މަގުތަކުގައި ކުލަ ބޮކި ދިއްލައި ގިޑިގެ ޖެހުން ފަދަ ކަންކަން ކުރުމުން އާންމުންގެ ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި އެއީ އާންމުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދިން ކަމެއްކަން މުއިއްޒު ފާހަގަކުރައްވާފައިވެ އެވެ.

މުއިއްޒު އެ ދުވަހު ވިދާޅުވެފައި ވަނީ،އެ މަނިކުފާނުގެ ވެރިކަމެއްގައި ރާއްޖޭ ހުރިހާ ސިޓީއަކާއި އަތޮޅުގެ ވެރިކަން ކުރާ ރަށެއްގައި ސަރުކާރުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ކުލަ ގަދަކޮށް އީދު ފާހަގަކުރައްވާނެ ކަމަށެވެ.

"އިސްލާމީވަންތަކަން ދިރުވާ އާލާކުރަން އަޅުގަނޑުމެން ކޮންމެ ބޭފުޅަކު ބޭނުންވޭ. އެކަން އިހުސާސްވެގެން ދިޔަ އީދު ދުވަހު މަގުތަކުގައި ބޮކި ދިއްލާ ތަކުބީރު ކިއީމާ ރައްޔިތުންގެ ހިތްތަކަށް ލިބުނު އުފަލާ، ފާޅުކުރަމުން ޝުއޫރާ ނަގަމުން ދިޔަ ސެލްފީތަކާ އަޅުގަނޑާ ބައްދަލުވުމުން ދެއްކި ވާހަކަތަކުން," ޑރ. މުއިއްޒު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހަޅާފައި ވަނީ 49.5 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

އިންތިހާބީ ރައީސް ޑރ.މުއިއްޒު ވައުދުތައް ފުއްދުމަށް ބަޖެޓްގައި ގިނަ ކަންތައްތަކެއް ވަނީ ހިމަނާފަ އެވެ. އެގޮތުން އާ ސަރުކާރުން އަންނަ އަހަރު ޖުމްލަ 458 މަޝްރޫއެއް ކުރިޔަށް ގެންދިޔުމަށް ވަނީ ބަޖެޓްކޮށްފަ އެވެ.