ޝާހްރުކް ޚާންއަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި ދުނިޔޭގެ ނަން މަޝްހޫރު އެކްޓަރުންގެ ތެރޭގައި ހިމެނޭނެ ތަރިއެކެވެ. ބޮލީވުޑްގައި މަސައްކަތް ކުރާތާ 30 އަށުވުރެ ގިނަ އަހަރު ވެފައިވާއިރު ވެސް އޭނާގެ މަސައްކަތަށް ކުޑަވެސް ލުއިކަމެއް ނުލިބެ އެވެ.

މިއަދަކީ ޝާހްރުކް ޚާންގެ 58 ވަނަ އުފަން ދުވަހެވެ. ކޮންމެ އަހަރަކު ވެސް އުފަން ދުވަސް ފާހަގަ ކުރުމަށްޓަކައި އޭނާ ދިރިއުޅެމުން އަންނަ ގެ "މަންނަތު"ގެ ބެލްކަނިން އާއްމުންނާ ބައްދަލުކުރާއިރު މިއަހަރު ވެސް އެ ބައްދަލުވުން އޮންނާނެ ކަމަށް ބެލެވެ އެވެ.

އޭގެ އިތުރުން ދެން މިއަހަރު ފާހަގަކޮށްލެވޭ އަނެއް ކަމަކީ އޭނާގެ އުފަންދުވަހާ ގުޅިގެން ކުރިއަށް އޮތް ފިލްމު "ޑަންކީ"ގެ ޓީޒާ އާއްމު ކުރުމެވެ. އެޓީޒާ މިއަދުގެ ހަވީރު އާއްމު ކުރެވޭނެ ކަމަށް ހަބަރުތައް ބުނެ އެވެ.

އޭގެ އިތުރުން ވެސް މިއަދުގެ މުނާސަބަތުގައި ޝާހުގެ އެންމެ ފަހުގެ ފިލްމު "ޖަވާން" ވެސް ވަނީ އޯޓީޓީ ޕްލެޓްފޯމް ނެޓްފްލިކްސްއަށް ނެރެފަ އެވެ.

1988 ވަނަ އަހަރު ނުކުތް "ފައުޖީ"އިން ބޮލީވުޑަށް ތައާރަފްވި ޝާހްރުކް ޚާން މީހުންގެ މަގުބޫލުކަން ހޯދީ 90ގެ އަހަރުތަކުގައި ނުކުތް "ބާޒީގަރް"، "ދިލްވާލޭ ދުލްހަނިޔާ ލޭޖަޔޭންގޭ"، "ކުޗް ކުޗް ހޯތާހޭ" އަދި "ކަބީ ހުޝީ ކަބީ ގަމް" ފަދަ ފިލްމުތަކުންނެވެ.

މިއަދު އުމުރުން 58 އަހަރު ވެފައިވީ ނަމަވެސް ބޮލީވުޑްގައި އޭނާގެ ޑިމާންޑަކަށް ބަދަލެއް ނާދެ އެވެ. މިއަދުވެސް ޝާހްރުކް ޚާންއަކީ ޑައިރެކްޓަރުން އެންމެ ބޭނުންވާ އެއް އެކްޓަރެވެ.