ރިއަލިޓީ ޝޯވ ބިގްބޮސްގެ 17 ވަނަ ސީޒަން ފެށުނީއްސުރެ އެ ޝޯގެ ހަބަރުތައް އަންނަނީ ނޫސްތަކުގެ ފަލަ ސުރުހީއަށް އަރަމުންނެވެ. އެގޮތުން މިފަހަރު އެންމެ ނަންކިޔާ އެއް ބައިވެރިޔަކީ ޓީވީ އެކްޓްރެސް އައިޝްވާރްޔާ ޝަރްމާ އެވެ.

ފިރިމީހާ ނީލް ބަޓްއާއެކު ބޮގްބޮސް ގެއަށް އެތެރެވި އައިޝްވާރްޔާއަކީ ފުރަތަމަ ދުވަހުން ފެށިގެން ވެސް މައްސަލަ ބޮޑު ބައިވެރިއެއްގެ ގޮތުގައި އެހެން ބައިވެރިން ސިފަކުރެ އެވެ.

އެގޮތުން ދާދި ފަހުން ވެސް އައިޝްވާރްޔާއާއި ބިގްބޮސްގެ އެހެން ބައިވެރިއެއް ކަމަށްވާ ވިކީ ޖެއިންއާ ދެމެދު ވަނީ ހޫނު އަރާރުންވުމެއް ހިނގާފަ އެވެ.

އެއަށްފަހު މިހާރު އިވެމުން އަންނަ ހަބަރަކީ އައިޝްވާރްޔާގެ ކުރީގެ ލޯބިވެރިޔާ ރާހުލް ޕާންޑޭ ވައިލްޑް ކާޑް ކޮންޓަސްޓަންޓްއެއްގެ ގޮތުގައި ބިގްބޮސްއަށް ވަންނަން އުޅޭ ހަބަރެވެ.

ރާހުލްއާއި އައިޝްވާރްޔާއަކީ ވަރަށް ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ދެ މީހުންނެވެ. އެ ގުޅުމާ ބެހޭގޮތުުން ރާހުލް ފާޅުގައި ވާހަކަ ދެއްކި ނަމަވެސް އައިޝްވާރްޔާ އެވާހަކަ މާ ގިނައިން ދައްކާފައެއް ނުވެ އެވެ.

ރާހުލު ބުނީ އެ ދެމީހުންނަކީ ކިޔަވަން އުޅުނުއިރުއްސުރެ އެކުގައި އުޅުނު ދެމީހުން ކަމަށާއި ގުޅުން ގޯސްވީ ގުޅުމުގެ ހަބަރު އައިޝްވާރްޔާގެ ބައްޕައަށް އެނގުމުން ކަމަށެވެ.

އައިޝްވާރްޔާގެ ފިރިމީހާ ނީލްވެސް ބިގްބޮސް ގޭގައި އުޅެމުން އަންނައިރު ރާހުލް އެގެއަށް ވަނުމަކީ ޝޯ އިތުރަށް ޝައުގުވެރި ކުރުވާނެ ކަމެއް ކަމަށް އާއްމުން އަންނަނީ ބުނަމުންނެވެ.