ހައި ކޯޓުގެ ފަނޑިޔާރު އަހުމަދު ޝަކީލް ރިޓަޔާ ކުރައްވަން ފެންނަ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ނިންމައިފި އެވެ.
އެނގިފައިވާ ގޮތުގައި ޝަކީލް ރިޓަޔާ ކުރައްވަން ފެންނަ ކަމަށް ވޯޓު ދެއްވީ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތާއި ވަކީލުންގެ މެންބަރު އަބްދުއްމާނިއު ހުސެއިން އަދި އާންމުންގެ މެންބަރު އައިމިނަތު އުމްކުލްސޫމެވެ. މި ބައްދަލުވުމުގައި ޖުމްލަ ހަތް މެމްބަރުން ބައިވެރިވެވަޑައިގެންނެވި އިރު، ބާކީ ތިއްބެވި ހަތަރު މެމްބަރުން ވަކި ގޮތަކަށް ވޯޓު ނުދެއްވަ އެވެ.
ޝަކީލް، ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރީ މި އަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ.
ފަނޑިޔާރަކު އަމިއްލަ އަށް ރިޓަޔަކުރައްވަން ހުށަހެޅުއްވިޔަސް، ރިޓަޔާ ވެވޭނީ ކޮމިޝަނުން އެގޮތަށް ފާސްކޮށްފި ނަމަ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަން ވެސް ކުރެއްވެވި ޝަކީލް ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގައި ހުއްޓާ އޭނާ ފެމިލީ ކޯޓަށް ބަދަލު ކުރިއެވެ. އެކަމަކު، 2019 ގައި އަލުން އޭނާ ކްރިމިނަލް ކޯޓަށް ބަދަލު ކުރި އެވެ.
ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިން ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށް ލުމަށް ކުރި ހުކުމާ އެކު ފަނޑިޔާރު ޝަކީލަށް ސިޔާސީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވި އެވެ. ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އައިއިރު، ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލުނީ އެ ހުކުމާ ހެދި އެވެ.
ޝަކީލު ޝަރުއީ ދާއިރާއާ ގުޅިވަޑައިގަތީ މާޗު 23، 2003 ގަ އެވެ. މިދިޔަ 19 އަހަރު ތެރޭގައި އޭނާ ވަނީ އއ. އުކުޅަހު މެޖިސްޓްރޭޓް ކޯޓާއި، ޖުވެނައިލް ކޯޓާއި ފެމިލީ ކޯޓުގައި ވެސް ފަނޑިޔާރުކަން ކުރައްވައިފަ އެވެ.