ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގައި ތިބި މުވައްޒަފުންގެ އަދަދު 8،126 އަށް އަރާ ކަމަށާއި އެމީހުންނަށް މަހެއްގެ މައްޗަށް 82 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މ. ދިމްޔާތުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ އެންމެ ހައިރާން ކުރުވަނިވި ކަމަކަށް ފެނުނީ މި އަހަރުގެ މާޗު މަހުގެ ފަހުން މިއަދާ ހަމައަށް އިތުރު 747 މުވައްޒަފުން ފެނަކަ އަށް ނަގާފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ 2018 ވަނަ އަހަރު ނިމުނު އިރު ފެނަކައިގައި ތިބީ 2،756 މުވައްޒަފުން ކަމަށެވެ. ނަމަވެސް މިއަދު މިހާތަނަށް 8،126 މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ 5،370 މުވައްޒަފުންގެ އިތުރުވުމެކެވެ.

ފިރުޒުލް ވަނީ، ފެނަކައިގެ މުވައްޒަފުން ކުރާ މަސައްކަތް ލުއިވެ، އެއް ކަމަކަށް މަދު މުވައްޒަފުން ބޭނުންވާ ގޮތަށް އެ ފަސޭހަ މިހާރު އައިސްފައިވީ ނަމަވެސް، މުވައްޒަފުންގެ އަދަދު އިތުރުވެފައިވާތީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"މިސާލަކަށް ކުރިން ބިލު ތައްޔާރުކުރުމާ، ކުރިން ގޭގެއަށް ބިލު ފޮނުވުމުގެ މަސައްކަތް މިހާރު ހުރީ ވަރަށް ބޮޑުތަނުން ލުއިފަސޭހަ ވެފައި. ނަމަވެސް، އެ ލުއިފަސޭހަކަން ލިބިގެން ދިޔައިރު، ކުރިން އެ މަސައްކަތް ކުރުމަށް، ފެނަކައިގެ ބްރާންޗެއްގައި ހަތް މުވައްޒަފުން ތިބޭ ކަމަށްވާ ނަމަ، މިއަދު އެ އަދަދު 40އާ ގާތް ކުރާ ވަރަކަށް އެބަތިބި،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ ފެނަކައިގެ މުވައްޒަފުންގެ އަދަދު 8،126 އަށް އަރާއިރު، ރާއްޖޭގެ ސްކޫލުތަކުގައި ތިބި ދިވެހި ޓީޗަރުންގެ އަދަދަކީ 8،600 ކަމަށެވެ.