ފެނަކައިގެ ދަރަނި މިދިޔަ އަހަރު ނިމުނު އިރު 4.1 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށާއި އޭގެ ތެރެއިން 900 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައްކަން ޖެހޭ ލޯންތައް ކަމުގައި އިންތިހާބީ ރައީސްގެ އޮފީހުން މިއަދު ބުނެފި އެވެ.

އިންތިހާބީ ރައީސްގެ އޮފީހުން މ. ދިމްޔާތުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އިންތިގާލީ މުއްދަތުގެ ތަރުޖަމާނު މުހައްމަދު ފިރްޒުލް ވިދާޅުވީ 4.1 ބިލިއަން ރުފިޔާގެ ތެރެއިން އެކިއެކި ސަޕްލަޔަރުންނާއި ވިޔަފާރިތަކަށް ދައްކަން ޖެހޭ 3.2 ބިލިއަން ރުފިޔާ އެބަހުރި ކަމަށެވެ. އަދި 3.2 ބިލިއަން ރުފިޔާގެ ތެރެއިން 958 މިލިއަން ރުފިޔާއަކީ އެ ބިލްތަކަށް ފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ، އޭގެ ފަހަށް، އެއް އަހަރު ދުވަހަށް ވުރެ އިތުރުވެފައިވާ ފައިސާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މި ފައިސާ ލިބެން ޖެހޭ ފަރާތްތަކުގެ ގޮތުގައި 1،149 ފަރާތް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ ކުންފުނީގެ އިދާރީ އަދި މާލީ ހިންގުމުގެ ތެރޭގައި ކުންފުނީގެ ބަޖެޓު ފާސްކުރުމުގައި ހިފަހައްޓަން ޖެހޭ މިންގަނޑުތައް ވެސް ހިފެހިއްޓިފައެއް ނުވާ ކަމަށެވެ. އެގޮތުން، 2022 ވަނަ އަހަރަށް ކުންފުނީގެ ބަޖެޓު ފާސްކޮށްފައި ވާއިރު، ކުންފުނީގެ ޖުމްލަ ބަޖެޓުގެ ތެރެއިން 1.6 ބިލިއަން ރުފިޔާ އަކީ ޑެފިސިޓް [ދަރަނި]ކަން ފާހަގަކޮށް އެ ބޭފުޅުން ބަޖެޓު ފާސްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެނަކައިގެ މި އަހަރުގެ ބަޖެޓު ފާސްކުރި އިރު ވެސް 960 މިލިއަން ރުފިޔާ އަކީ ދަރަނި ކަމަށް ހިމަނާފައިވާކަން ފިރުޒުލް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ، މި ދަރަނި ފައިނޭންސް ކުރާނެ ގޮތެއް ބަޖެޓުގައި ހިމަނާފައި ނުވާ ކަމަށާއި، ނަމަވެސް ދަރަންޏަކާ އެކު ބަޖެޓު ފާސްކުރުމަށް ފަހު، ކުންފުންޏަށް މުވައްޒަފުން އިތުރުކޮށް، ތަކެތި ގަނެ، މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

"މިއަދުގެ ހާލަތަށް ބަލާއިރު، ފެނަކައިން ޕްރޮކިޔުމެންޓުގެ ކަންކަން ކުރިއަށް ގެންދާ ގޮތުންނާއި ކެޕިޓަލް އެކިއެކި މަސައްކަތްތައް ބައްޓަންކޮށްފައިވާ ގޮތުންނާއި މުވައްޒަފުންގެ ހާލަތު ހުރި ގޮތުންނާއި އަދާ ނުކުރެވި ހުރި ދަރަނީގެ ހާލަތު ހުރި ގޮތުން، އެ ދަރަނިތައް ވަކި ހިސާބަކަށް ގޮސް އަތް ނުފޯރާ ހިސާބަށް ދިއުމުން ދަރަނި އަދާކުރުމަށް ބޮޑެތި އަދަދު ތަކުން ލޯނު، ބައެއް ފަހަރަށް ބޮޑެތި އިންޓްރެސްޓުގައި %10 އާ ހަމައަށް ލޯނު ނަގާފައި ހުރުމުން ކުންފުނީގެ ހާލަތު މިއަދު އޮތީ ވަރަށް އުނދަގޫ ހާލަތެއްގައި،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން އާހިރުގައި ކުންފުނީގެ ބަޖެޓުން ބައި މިލިއަނަށް ވުރެ ގިނަ ރުފިޔާ ފެނަކަ އިން ހަރަދު ކުރަން ޖެހެ އެވެ.