ފެނަކައިން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް އަމަލުކުރާކަމަށް ދޭހަވާ ގޮތަކަށް ފަތުރާ ހަބަރަކީ ހަގީގަތާ ހިލާފު ހަބަރެއް ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފެނަކަ ކޯޕަރޭޝަނުން މިހެން ބުނެފައިވަނީ "ފެނަކައިން 100 މިލިއަން ރުފިޔާއާ ގާތްކުރާ ކޮރަޕްޝަނެއް ހިންގަނީ" މި ސުރުހީގެ ދަށުން، 1 ނޮވެމްބަރ 2023 ގައި ދިޔަރެސް ނޫހުން އާންމު ކޮށްފައިވާ ހަބަރާ ގުޅޭގޮތުން އެ ކުންފުނިން ނެރުނު ބަޔާނެއްގަ އެވެ.

ފެނަކައިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެއީ އެއްވެސް އަސާސެއް ނެތް ވާހަކައެއް ކަމަށާއި އެފަދަ ވާހަކަތައް ފަތުރަނީ ފެނަކައިގެ މިހާރުގެ މެނޭޖްމަންޓުން ކުންފުންޏަށް ހޯދައިދީފައިވާ ކުރިއެރުންތަކާއި ކާމިޔާބީތަކަށް ހަސަދަވެރި ނިޔަތެއް އޮވެގެން ކުންފުނީގެ ނަން ކިލަނބުކޮށް ކުންފުނީގެ މެނޭޖްމަންޓާއި މުވައްޒަފުންގެ އަގު ވައްޓާލުމަށް، އެއްވެސް ޒިންމާދާރުކަމެއް ނެތި ރޭވުމެއްގެ ތެރެއިން ކަމަށެވެ.

ފެނަކަ އިން ބުނެފައިވަނީ އެ ކުންފުނީގެ ހިދުމަތް ހުއްޓުމަކަށް އަޔަނުދީ ދުވަހުން ދުވަހަށް ހޯދަންޖެހޭ މެޓީރިއަލްސް އާއި ދުރާލައި ހޯދަންޖެހޭ މެޓީރިއަލްސް ހޯދުމުގެ މަސައްކަތް ކުރަމުންދަނީ އެއްވެސް މިންވަރަކަށް ކޮރަޕްޝަނުގެ އަމަލެއް އެ މުއާމަލާތެއްގައި ނުހިމެނޭކަން ކަށަވަރުކުރުމަށް ފަހު ވާދަވެރި ޕްރޮކިއުމަންޓް ޕްރޮސަސްއެއްގެ ތެރެއިން ކަމަށެވެ.

"އަދި ކުންފުނީގެ ދުވަހުން ދުވަހަށް ހިންގޭ އޮޕަރޭޝަންތަކަށް ބޭނުންވާ މެޓީރިއަލްސް ހޯދުމަކީ އެއްވެސް މިންވަރަކަށް މައްސަލައަކަށް ވާންޖެހޭނެ ސަބަބެއް ކަމަކަށް މި ކުންފުނިން ނުދެކެމެވެ. އެހެންކަމުން މި ކުންފުނިން ހިންގޭ އެއްވެސް މުޢާމަލާތެއްގައި ވެސް ކޮރަޕްޝަނަށް މަގުފައިވެދާނެފަދަ އެއްވެސް ޢަމަލެއް ހިންގަމުން ނުދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ އަރުވަމެވެ." ފެނަކައިން ނެރެފައިވާ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑަކީ 73 ރަށެއްގެ ފެނުގެ ނިޒާމާއި 88 ރަށެއްގެ ނަރުދަމާ ނިޒާމުގެ އިތުރުން ހަ ރަށެއްގެ ބޯފެނުގެ ނިޒާމުގެ ހިދުމަތް ދެމުންދާ ކުންފުންޏެވެ.

ފެނަކަ އިން ވަނީ އެ ކުންފުންޏާ ގުޅޭ ހަބަރުތައް ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅޭގޮތަށް އާންމު ނުކުރުމަށް ވެސް އިލްތިމާސްކޮށްފަ އެވެ.