އެންމެ ޒުވާން އުމުރުގައި އައްޑަނައަކަށް މޭ ދިއްކޮށްލީ ލޯބިވާ ގައުމަށްޓަކައި ދެވަނަ ވިސްނުމެއް ނެތި އެވެ. ދުޝްމަނުންގެ ހަމަލާތައް ހަށިގަނޑުގެ އެތަން މިތަނަށް އަމާޒުވިއިރު ވެސް ދެ ގޮތެއްނުވެ ދެމުހިރީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތު ބޭރުގެ ބައެއްގެ އަތްދަށަށް ދާތަން ދެކެން ބޭނުން ނުވާތީ އެވެ.

މިއީ 1988 ވަނަ އަހަރު ދިވެހި ރާއްޖެއަށް ކުރިމަތިވި އުދުވާނީ ހަމަލާއަށް ދިވެހި ސިފައިންގެ ފަރާތުން އެންމެ ފުރަތަމަ ރައްދުދިން ހދ. ކުޅުއްދުފުށީ މާވާގެ ޝަހީދު ހުސައިން އާދަމްގެ ގައުމީ ރޫހެވެ. އެ ދުވަހު އޭނާގެ ހިތުގައި ހިނގާނެ ޝުއޫރުތަކާއި ހިޔާލުތަކެވެ.

އޭގެ 35 އަހަރު ފަހުން މިއަދު ދިވެހިން ހުސައިން އާދަމްގެ ހަނދާން އާކުރަނީ ޝުކުރުވެރިކަމާއެކުގަ އެވެ. ދިވެހި ގައުމުގެ މިނިވަން ކަމަށްޓަކައި ފުރާނައިން ވި ގުރުބާނީ ދިވެހިން ބަލައިގަންނަނީ ހިތުގެ އެންމެ ފުން މިނުންނެވެ.

އެއާއެކު ދެން ހިތަށް ވެރިވަނީ ކޮންމެވެސް ވަރެއްގެ ހިތާމަ އެކެވެ. މިއަދުގެ މުޖުތަމައުގައި ޝަހީދު ހުސައިން އާދަމްފަދަ ދަރިން މަދުކަން އިހްސާސްވީމަ އެވެ. ގައުމަށްޓަކައި ތެދުވާނެ ދިވެހި ޒުވާނުން މަދުވަމުން އަންނަކަން ފާހަގަވީމަ އެވެ.

މިއަދުގެ ހާލަތަށް ބަލާއިރު ދިވެހި ޒުވާނުން ގައުމިއްޔަތާ ދުރުވަމުން އަންނަކަމީ ފެންނަން އޮތް ހަގީގަތެކެވެ. އެ ޒުވާންގެ ހިތުގައި ގައުމީ ރޫހާއި ޖޯޝް ފަނޑުވަމުން އަންނަކަމީ ހިތާމަވެރި ކަމެކެވެ.

މި ހާލަތު އިސްލާހު ކުރެވޭނީ މިއަދުގެ ޅަ ޖީލުގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތަށް އޮތް ލޯބި އިތުރުކޮށްގެންނެވެ. ބޮޑުވަމުން އަންނަ ޅަ ސިކުނޑިތަކަށް އެކަމުގެ މުހިއްމުކަން އަންގައިދީގެންނެވެ. މި ގައުމަށް ބޭނުންވާ ހުސައިން އާދަމްފަދަ ދަރިން އުފެދޭނީ އެގޮތުންނެވެ.