ޝާހްރުކް ޚާންގެ 58 ވަނަ އުފަން ދުވަސް ފާހަގަކުރަން ބޭއްވި އެއްވުމުގެ ތެރެއިން އޭނާގެ ސަޕޯޓަރަކަށް ހާއްސަ ޓްރިބިއުޓްއެއް ދީފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ޝާހްރުކް ޚާންގެ ގެ މަންނަތު ކައިިރިއަށް އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަމުން ޝާހްރުކް ވަނީ ދާދި ފަހުން މަރުވި އޭނާގެ ހާއްސަ ސަޕޯޓަރެއްގެ ހަނދާން އާކޮށްފަ އެވެ.

ޝާހްރުކް ބުނީ މުހައްމަދު އަޝްރަފްއަކީ އޭނާގެ އެންމެ ބޮޑު ފޭން ޕޭޖް ހިންގަމުން އައި ފަރާތް ކަމަށާއި އޭނާއަށް ލޯބިކުރާ މީހުން އެއްތަނަކަށް ގެނައުމަށްޓަކައި އަޝްރަފްގެ ދައުރު ވަރަށް ބޮޑު ކަމަށެވެ.

އަޝްރަފް މަރުވީ ދެ އަހަރު ވަންދެން ބޮޑު ބައްޔެއްގައި އުޅުމަށްފަހު ކަމަށް ބުނަމުން ޝާހްރުކް ވަނީ އެއްވެ ތިބި އެންމެންގެ ކިބައިން އަޝްރަފްއަށް ހެޔޮ ދުއާ ކޮށްދިނުމަށް އެދިފަ އެވެ.

ބުރާސްފަތި ދުވަހު ޝާހްރުކް ޚާންއަށް 58 އަހަރު ފުރުނުއިރު އާދައިގެ މަތިން ގިނަ ބަޔަކު ވަނީ މަންނަތު ކައިރިއަށް އެއްވެފަ އެވެ. އެއާއެކު ބޮލީވުޑްގެ އެކުވެރިންނަށް އޭނާ ވަނީ ހާއްސަ ހަފްލާއެއް ވެސް ބާއްވާފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު ޝާހްރުކް އަންނަނީ އޭނާގެ ފިލްމު "ޑަންކީ" ރިލީޒް ކުރުމަށް ތައްޔާރު ވަމުންނެވެ. ޑިސެމްބަރު 21ގައި ރިލީޒްކުރާ އެ ފިލްމުގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ނެރެފަ އެވެ.