މި އަހަރުގެ ތިންވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ އެ ކުންފުނީގެ މި އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން ތިންވަނަ ކުއާޓަރުގައި 979 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ. މިއީ ދެވަނަ ކުއާޓަރާއި އަޅާ ބަލާއިރު 34.68 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެމްޓީސީސީ އަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 727 މިލިއަން ރުފިޔާ އެވެ.

އެމްޓީސީސީން ބުނީ ތިންވަނަ ކުއާޓަރުގެ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ އިމާރަތްކުރުމާއި ބިންހިއްކުމުގެ ދާއިރާއާއި، ވިޔާފާރީގެ ދާއިރާގެ އިތުރުން ދަތުރުފަތުރުގެ ޚިދުމަތުން ލިބުނު އާމްދަނީ އިތުރުވުން ކަމަށެވެ.

މާލީ ރިޕޯޓުގައިވާ ގޮތުން، އިމާރަތްކުރުމާއި، ބިންހިއްކުމުގެ ދާއިރާއިން 873.56 މިލިއަން ރުފިޔާ، ވިޔަފާރީގެ ދާއިރާއިން 64.7 މިލިއަން ރުފިޔާ އަދި ދަތުރުފަތުރުގެ ޚިދުމަތުގެ ދާއިރާއިން 37.02 މިލިއަން ރުފިޔާގެ އާމްދަނީއެއް ތިންވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ލިބިފައިވެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީއަށް ވަނީ 43.3 މިލިއަން ރުފިޔާވަނީ ލިބިފަ އެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި އެމްޓީސީސީ އަށް ލިބިފައިވަނީ 41.2 މިލިއަން ރުފިޔާ އެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވި ނަމަވެސް ތިންވަނަ ކުއާޓަރުގައި ލިބުނު ފައިދާގެ ނިސްބަތް ދަށްވެފައި ވަނީ ކުންފުނީގެ މަސައްކަތްތަކައް ބޭނުންވާ ސާމާނު ގަތުމަށް ކުރަންޖެހޭ ހޭދަ އިތުރުވުމާއި، ބޭރު ފައިސާ ގަތުމަށް ކުރަން ޖެހުނު ހޭދަވެސް އިތުރުވުމުންކަމަށް އެމްޓީސީސީން ހާމަކުރެ އެވެ.

މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާ އެކު އެމްޓީސީސީން ވަނީ ހިންގައިފަ އެވެ. އެގޮތުން 205 މަޝްރޫއެއްގެ މަސައްކަތް ކޮށްފައިވެ އެވެ. އަދި ފަސް މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާ އެކު ނިންމާލެވިފަ އެވެ. އަދި އަލަށް 36 މަޝްރޫއުގެ މަސައްކަތް އެ ކުއާޓަރުގައި ފަށާފައިވާތީ ކަމަށް އެމްޓީސީސީން ބުނެ އެވެ.