މާލޭގައި ބާރު ސްޕީޑުގައި ދުއްވި ސައިކަލުން ޖެހި އަނިޔާވި ގައުމީ ޔުނިވާސިޓީ ލެކްޗަރާ އަލީ ހަފީޒު ގައިގައި ޖެހުނު ސައިކަލު ދުއްވި މީހާ ދެ އަހަރަށް ޖަލަށް ލާން ކުރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާ ކުރީ ރ. އިނގުރައިދޫ ލެގޫން ވިއު، ޝަމްއާން އަބްދުލްޝަކޫރު 22، ގެ މައްޗަށެވެ. ދައުލަތުން އޭނާގެ މައްޗަށް ދައުވާ ކުރީ މީހަކަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އެވެ.

ޝަމްއާނަކީ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަން ވެސް ނޯންނަ މީހެކެވެ.

ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާތާ 18 އަހަރު ވެފައިވާ ހަފީޒް ގައިގައި ސައިކަލުން ޖެހުނީ މިދިޔަ ބޮޑު އީދު ދުވަހު ފަތިހު މަޖީދީމަގުން ހިނގާފައި ވަޑައިގަންނަވަނިކޮށެވެ.

މިމައްސަލައިގެ ޝަރީއަތުގައި ޝަމްއާން ވަނީ ކުށަށް އިއުތިރާފްވެ، ދައުލަތާއެކީ އިއުތިރާފްގެ އެއްބަސްވުމެއް ހަދައިފަ އެވެ.

ގާނޫނުގައި ވާގޮތުން މި ކުށުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ނަމަވެސް އެކްސިޑެންޓުގެ ސަބަބުން ހަފީޒަށް ބޮޑު އަނިޔާއެއް ލިބިފައިވާތީ މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމެވީ ތިން ދަރަޖަ މަތިކޮށް، ކުށަށް އިއުތުރާފް ވެފައިވާތީ ދެދަރަޖަ ދަށް ކުރުމަށެވެ. އެގޮތަށް ކަނޑައެޅުމުން ޝަމްއާންގެ މައްޗަށް އައީ ދެ އަހަރުގެ ޖަލު ހުކުމެކެވެ.

މިމައްސަލާގައި ޝަމްއާން ބަންދުގައި ހުރި މުއްދަތު ހުކުމުގެ މުއްދަތުން އުނި ކުރުމުން އޭނާގެ ޖަލުގައި ހުންނަން ޖެހެނީ އެއް އަހަރާއި 10 މަހާއި 29 ދުވަހު އެވެ.