ކުއްޖާގެ ސިއްހަތު ރަނގަޅުކޮށް ބެހެއްޓުމަށް ކޮންމެ ބެލެނިވެރިއަކު ވެސް ބޭނުންވާނެ އެވެ. އެގޮތުން ކުއްޖާ ހިކިވެދާނެ ކަމަށް ވައްތަރު ވައްތަރުގެ އެއްޗެހި ކާންދީ ކުއްޖާ “ޗަބީ” ކޮށް ބެހެއްޓުމަށް ބޭނުންވެ އެވެ.
ނަމަވެސް ކުއްޖާ ފަލަކޮށް ބެހެއްޓުމަކީ އެއީ އެ ކުއްޖާ ބޮޑުވަމުން އަންނައިރު ސިއްހީ ނުރައްކާތަކެއް ދިމާވެދާނެ ކަމެއްކަން އެނގޭ ހެއްޔެވެ؟
ސްޕެއިންގެ މެޑްރިޑްގައި ހުންނަ ކާލޮސް 3 ހެލްތު އިންސްޓިޓިއުޓްގެ ސައިންސް ވެރިން ހެދި ދިރާސާއަކުން ދައްކާގޮތުގައި، ޕްރީ ސްކޫލް އުމުރުގެ ކުދިންގެ ތެރެއިން ހުންނަންޖެހޭ ވަރަށް ވުރެ ފަލަކޮށް ތިބޭ ކުދިން، އެ ކުދިންގެ އުމުރުން ހަ އަހަރަށް އަޅާއިރު ލޭގެ ޕްރެޝަރު މައްޗަށް ދިއުމުގެ ނުރައްކާ ދެ ގުނަ އިތުރުވެ އެވެ.
ޔޫރަޕިއަން ޖާރނަލް އޮފް ޕްރިވެންޓިވް ކާޑިއޮލޮޖީގައި ޝާއިއު ކޮށްފައިވާ އެ ރިޕޯޓްގައި އިތުރަށް ބުނީ، ފަލަކޮށް ތިބޭ ބައެއް ތުއްތު ކުދިންގެ އުމުރުން ހަތަރު އަހަރުގައި ވެސް އެ ސިއްހީ ނުރައްކާތެރިކަން ފެނިގެން ހިނގައިދާނެ ކަމަށެވެ.
“ކުޑަކުދިން ފަލަވިޔަސް އެކުދިންނަށް ސިއްހީ މައްސަލަތަކެއް ދިމާނުވާނެ ކަމަށް ގަބޫލުކުރާ ކުރުންތަކަކީ މިފަދަ ސިއްހީ މައްސަލަތައް ކޮންޓްރޯލްކޮށް ރައްކާތެރިވުމަށް ހުރި ހުރަސްތަކެއް،” ދިރާސާ ހެދި ސައިންސްވެރިއަކު ވިދާޅުވެފައިވެ އެވެ.
މި ދިރާސާގައި އުމުރުން ހަތަރު އަހަރުގެ 1800 ކުދިންގެ ބަރުދަނާއި ލޭގެ ޕްރެޝަރު ބަލައި އެއްކުރި އެވެ. އަދި ހަމަ އެކުދިންގެ އުމުރުން ހަ އަހަރުގައި ވެސް އެ ޓެސްޓުތައް ހެދި އެވެ.
އެގޮތުން ދިރާސާ ކުރިއަށްދިޔަ މުއްދަތުގެ ތެރޭގައި ސިއްހަތު ރަނގަޅުކޮށް ތިބި ކުދިންނަށްވުރެ ފަލަކޮށް ތިބި ކުދިން، އެކުދިންގެ އުމުރުން ހަ އަހަރުގައި ލޭގެ ޕްރެޝަރު އުފެދުމުގެ ފުރުސަތު ތިން ގުނަ އިތުރުވެފައިވާ ކަމަށް ދެއްކި އެވެ.
އޭގެ އިތުރުން ކުދިންނާއެކު އެކުދިންގެ ބެލެނިވެރިން ވެސް ހަރަކާތްތެރި ދިރިއުޅުމެއް އުޅެ ސިއްހަތު ރަނގަޅު ކެއުން އިހްތިޔާރު ކުރަންޖެހޭ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.
އަދި ތުއްތުކުއްޖާ އޮބީސް ވުން ނުވަތަ ހުންނަންޖެހޭ ވަރަށް ވުރެ ފަލަވުމުގެ ނުރައްކަލަށް، މާބަނޑުވުމުގެ ކުރިން އަންހެނުން ވެސް ބަރުދަން ލުއިކުރުމަށާއި މާބަނޑު ދުވަސްވަރު ފަލަނުވުމަށާއި ދުންފަތުގެ އިސްތިއުމާލު ނުކުރުމަށް އޭނާ އެދިވަޑައިގެންފައިވެ އެވެ.