އެމެރިކާގެ ސެކްރެޓެރީ އޮފް ސްޓޭޓް އެންތަނީ ބްލިކަން ދާދި ފަހުން ގަތަރަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ވެރިންގެ އަރިހުގައި ވިދާޅުވި ކަމުގައި ވަނީ އަލް ޖަޒީރާގެ ވޮލިއުމް މަޑު ކުރަން ޖެހޭ ކަމަށެވެ. އޭނާ އެ އިޝާރާތް ކުރެއްވީ ގަތަރުގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ އަލް ޖަޒީރާ އިން އިޒުރޭލުގެ ހަމަލާތަކުގެ ޚަބަރުތައް ގެނެސްދޭ ގޮތް ބަދަލު ކުރަން ޖެހޭ ވާހަކަ އެވެ.
އަލް ޖަޒީރާ އިން އޭރު އައީ ގާޒާގައި ހުރި އެ ސްޓޭޝަންގެ ބިއުރޯ ބޭނުން ކޮށްގެން އިޒުރޭލުގެ އުދުވާނު ދުނިޔެއަށް ބަރާބަރަށް ހާމަ ކުރަމުންނެވެ. އެމެރިކާ އިން ހިތްހަމަނުޖެހުނީ އެކަމާ އެވެ.
ބްލިންކަންގެ ވާހަކައަށް ގަތަރުން ލިބުނީ ވަރަށް ވެސް ފިނި ޖަވާބެކެވެ. ގަތަރުގެ އަމީރު ވިދާޅުވީ އަލް ޖަޒީރާގެ އެޑިޓޯރިއަލް ޕޮލިސީއަކީ ފުރިހަމައަށް މިނިވަންކަން ލިބިގެންވާ ޕޮލިސީއެއް ކަމަށާއި ގަތަރުގެ ސަރުކާރުން އެ ސްޓޭޝަނަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމަށެވެ.
ހަނގުރާމައިގެ ޚަބަރުތައް ގަތަރުގެ ޓީވީ ޗެނަލް އަލް ޖަޒީރާއިން ޚަބަރު ގެނެސްދޭ ގޮތާއި ހުޅަނގުގެ ޗެނަލްތަކުން އިޒްރޭލް ގާޒާ ހަނގުރާމައިގެ ޚަބަރު ގެނެސްދޭ ގޮތުގައި ވަރަށް ބޮޑު ތަފާތެއް ހުރެ އެވެ. ހުޅަނގުގެ މީޑިއާތަކުން ގެންސްދޭ ޚަބަރުތަކުގައި މުޅިން ވެސް ފާހަގަކޮށްފައި ހުންނަނީ ހަމާސްގެ ބިރުވެރިކަމާހެދި އިޒްރޭލަށް ހަމަނޭވާ ލައިގެން ނޫޅެވޭ ކަމަށެވެ. ހަމާސް އަކީ އިޒްރޭލްގެ އާންމު ރައްޔިތުންގެ ދިރިއުޅުމަށް އޮތް ބިރަކަށްވެފައިވާ ޓެރަރިސްޓް ޖަމާއަތެއްކަމެވެ.
ހުޅަނގުގެ މީޑިއާތަކުން ހަތެއް، ދިހައެއްގެ ހަމަލާ ކަވަރުކުރީ ކުޑަކުދިން އެ ކުދިންގެ އާއިލާގެ ކުރިމަތީގައި ބޯބުރިކޮށް މަރާލި ވާހަކަ އާއި އަންހެނުން ހަމާސްގެ ޓެރަރިސްޓުން އިޒްރޭލްގެ އަންހެނުން ގޭންގް ރޭޕްކުރި ވާހަކަ އެވެ. އިޒްރޭލް ސަރުކާރުން މިގޮތަށް ބުނާ ބުނުން ފިޔަވައި އެމްނެސްޓީ އިންޓަނޭޝަނަލާއި ހައްގުތަކަށް މަސައްކަތް ކުރާ އެއްވެސް ޖަމާއަތަކަށް އެ ހަމަލާގައި ކުޑަކުދިންގެ ބޯ ބުރިކުރުން ފަދަ ކަމެއް ކުރިކަމުގެ ހެތްކެއް ލިބިފައެއް ނެތެވެ.
އިޒްރޭލް ރައްޔިތުންނަށް ހަމާސްގެ ސަބަބުން ކުރިމަތިވެފައިވާ ބިރުވެރި ކަމަށް ކެތްކޮށް އެންމެ ފަހުން އެހެން ގޮތެއް ނެތިގެން ހަމާސް އިން ހިފި ރަހީނުން މިނިވަން ކުރުމަށާއި އަމިއްލަ ނަފުސުގެ ދިފާއުގައި ކުރާ ހަނގުރާމައެއްގެ ގޮތުގައި އިޒްރޭލުން ދައްކަމުން އަންނަ ވާހަކަތަކުގައި ހުޅަނގުގެ މީޑިއާތަކުން އަންނަނީ ކުލަ ޖައްސައި ދެމުން އަންނަނިކޮށް ހަމާސް އިން އެމީހުން ހިފެހެއްޓި ހޮސްޓެޖުންގެ ތެރެއިން އުމުރުން ދުވަސްވީ ބައެއް މީހުން މިނިވަންކޮށް ދޫކޮށްލި އެވެ. މިގޮތަށް ދޫކޮށްލި ފުރަތަމަ އަންހެން މީހާގެ އަނގައިން، އޭނާ އަށް ހަމާސްގެ ސަބަބުން ލިބުނު ބިރުވެރިކަމުގެ ވާހަކަ ދައްކުވަން އިޒްރޭލުގެ ސަރުކާރުން ބޭނުންވި އެވެ. އެހެން ނަމަވެސް އެ އަންހެން މީހާގެ ދުލުން އެވަގުތު ބޭރުވީ އެމީހުންނަށް އަހަން މާފަސޭހަ ވާހަކަތަކަކަށް ނުވި އެވެ.
އަންހެން މީހާ ބުނި ގޮތުގައި ހަމާސް އިން އޭނާ ހިފެހެއްޓުމުން ފުރަތަމަ ވަރަށް ބިރުގަތެވެ. އެކަމަކު ހަމާސް އިން އޭނާއާމެދު ކަންތައްކޮށްފައި ވަނީ ވަރަށް ރަނގަޅަށް ކަމަށް ބުނުމަށް ފަހު އޭނާ ވަނީ އިޒްރޭލުގެ ސަރުކާރަށް ފާޑު ކިޔައިފަ އެވެ. އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުން ހިފަހައްޓައިގެން އުޅެނީ ކީއްވެގެންތޯ ސުވާލު އުފައްދައި އޭނާ ގޮވައިލީ އެ މީހުން ދޫކޮށްލުމަށެވެ. އެ ހިސާބުން އަންހެން މީހާއަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުދީ އެތަނުން އަނބުރާ ގެންދިޔަ އެވެ. އަދި އޭނާގެ ވާހަކައިގެ ރެކޯޑިން ނިއުސް ޗެނަލްތަކުން ދެއްކުން މަނާކުރި އެވެ.
ހުޅަނގާއި އިޒްރޭލުގެ މީޑިއާތަކުން އަބަދުވެސް ދައްކަމުން ދަނީ ހަމާސްގެ ރޮކެޓްތަކުން އިޒްރޭލްގައި މަރުވެފައިވާ މީހުންގެ ވާހަކަ އެވެ. އެހެން ނަމަވެސް އެމީހުން ނުދައްކާ ވާހަކައަކީ އދ. ގެ ގަރާރުތަކާ ޚިލާފަށް ފަލަސްތީނުގެ ބިންތައް އިޒްރޭލުން ހިފާފައިވާ ވާހަކަ އެވެ. ގަޒާ ހިސާރުކޮށް ޖަލަކަށް ހަދައި ބަންދުކޮށްފައި އޮންނަތާ އެތައް ޒަމާނެއްވި ވާހަކަ އެވެ. އެ ބަންދު ކަމުގައި ހާސްކުރުވުމަށް ފަހު ދޭތެރެ ދޭތެރެއިން ބޮން އަޅައިގެންނާއި އެތެރެއަށް ވަދެ ދޭ ހަމަލާތަކުގައި ކޮންމެ އަހަރަކު އެތައް ބަޔަކު ގާޒާއިން މަރުވެދާކަމެވެ.
ގާޒާގައި އިޒްރޭލުން ހިންގާ އުދުވާނުގެ ވާހަކަ ހުޅަނގުގެ މީޑިއާތަކުން ނުދެއްކުމުގެ އިތުރުން އޮޅިގެން ވެސް ފަލަސްތީނަށް ހެޔޮ ބަހެއް ބުނެފި ރިޕޯޓަރަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމުގެ ސިޔާސަތެއް އިޒްރޭލުގައި ގެންގުޅެ އެވެ.
މީގެ ތެރެއިން އެއް މިސާލަކީ އިޒްރޭލްގެ ސަރުކާރާ ވަރަށް ޚާއްސަ ގުޅުމެއް އޮންނަ ޓީވީ ޗެނަލަކުން ގާޒާ ހަނގުރާމައިގެ ކަވަރޭޖް ގެންސް ދިން ޕްރެޒެންޓަރަކަށް ފަލަސްތީނުގެ މަރުވާ އާންމުންނަށް ހެޔޮ ދުއާއެއްކޮށް ލެވުނެވެ. އެ ޚަބަރު ނިންމާފައި ގެއަށް ދެވުނުއިރު ރިޕޯޓަރުގެ ގެއަށް ގޭންގްތަކުން ވަނީ ހަމަލާދީ އާއިލާ އާއި ގެއަށް ބޮޑެތި ގެއްލުންތަކެއް ދީފަ އެވެ.
އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ މެދު ހިންގަމުން ގެންދާ ލާއިންސާނީ އަނިޔާވެރިކަމުގެ ވާހަކަ އޮއްބާލަން ހުޅަނގުގެ މީޑިއާތަކުން ޒަމާންތަކެއް ވަންދެން ކުރަމުން އައި މަސައްކަތަށް މިހާރު ވަނީ ކޮންމެ ވެސް އުނދަގޫތަކެއް ކުރިމަތި ވެފަ އެވެ.
އިންޓަނެޓާއި ސޯޝަލް މީޑިއާ އާންމުވުމާއެކު ކޮންމެ ތަނެއްގައި ހިނގާ ކަމެއްގެ ވެސް ސައްހަ މައުލޫމާތު ފެތުރުމުގެ ކުޅަދާނަކަން މިހާރު ވަނީ އާންމުންނަށް ވެސް ލިބިފަ އެވެ.
ފަލަސްތީނުގައި ހިނގާ އިންސާނިއްޔަތާ ޚިލާފު އަމަލުތައް މިއަދު ދުނިޔެއަށް ހާމަވަމުން ދަނީ ކުރިން އެކަން ނުވާ މިންވަރަށެވެ. އިޒްރޭލުން މިހާރު ކުރަމުންގެންދާ ހަނގުރާމާގައި އިންޓަނެޓާއި ކަރަންޓުގެ ޚިދުމަތުން ގާޒާ މަހުރޫމުކުރުވަން އެހާ ބޮޑަށް މަސައްކަތް ކުރުމުގެ ބޭނުމަކީ ވެސް ގާޒާ އަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ހަގީގީ މަންޒަރު ދުނިޔެއަށް ފެންނަ މިންވަރު ކުޑަކުރުމެވެ.